ޚަބަރު

ދެ ޓީމުގެ އަމާޒަކީވެސް ތަށި ހިފައިގެން ރަށަށްދިޔުން!


މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލަށް ނުކުންނައިރު ދެ ޓީމުގެ އަމާޒުވެސް ހުރީ ތަށި ހޯދައިގެން އެނބުރި ރަށަށް ދިޔުންކަމަށް ފައިނަލުގައި ވާދަކުރާ ދެޓީމުންވެސް ބުނެފިއެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ފައިނަލަށް މާދަމާރޭ ނުކުތުމުގެ ކުރިން ތ.ތިމަރަފުށި ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު އަލްތާފް ބުނީ ޓީމުގެ އަމާޒު ހުރީ ތަށި ހޯދަން ކަމަށާއި އެކަމަށްޓަކައި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރަށުގެ ކައުންސިލާއި ޓީމްގެ މެނޭޖްމެންޓުން ރައްޔިތުން ޝާމިލްވާ ގޮތައް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފަވާކަމަށެވެ. އޭނާ ބުނީ މިނިވަން ޗެމްޕިއަންޝިޕްގައި ފައިނަލުގައި 2016 ވަނައަހަރު އޭދަފުށި އަތުން ބަލިވުމުން މިއަހަރުގެ ފައިނަލު ކާމިޔާބުކޮށް ރަށަށް ތަށިގެންދިޔުމަށް ހުރިހާ ކުޅުންތެރިންވެސް ކެތްމަދުވެފައިވާކަމަށެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ތިމަރަފުށި ޓީމު ހިމެނުމުން އެޓީމު ވަނީ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވެފައެވެ. މިކަމަށް އިޝާރަތްކުރަމުން ޓީމްގެ އެސިސްޓެންޓް ކޯޗު އަލްތާފް ބުނީ ތިމަރަފުއްޓަކީ އަބަދުވެސް ފުޓްބޯޅައި ހުނަރުހުރި ކުޅުންތެރިން ތިބި ރަށެއްކަމަށާއި ތިމަރަފުށި ޓީމެއް އަބަދުވެސް ފުރަތަމަ ޑިވިޝަންގެ ބޭއްވުން އެއީ ރަށުގެ ރައްޔިތުން ވަރަށް ބޮޑު ހުވަފެނެއްކަމަށެވެ. އަލްތާފް ބުނީ ފައިނަލު މެޗަށް ޓީމް އޮތީ ފުރިހަމަޔަށް ތައްޔާރަށްކަމަށާއި ތިމަރަފުށި ފައިނަލުގައި ނުކުންނާނީ އިދިކޮޅަށް ނުކުންނަ ފޯކައިދޫ ޓީމްގެ ކުޅުންވެސް އެނގިހުރެކަމަށެވެ.

" ޓީމް މިހިސާބަށް އާދަވުނީ ވަރަށް ގިނަބަޔެއްގެ އެހީތެރިކަމާއެކު. އިރާދަކުރެއްވިއްޔާ ޓީމް މިފަހަރު ރަށަށް އެނބުރިދާނީ ތަށިހިފައިގެން" އަލްތާފް ބުންޏެވެ.

ފައިނަލު މެޗާ ގުޅޭގޮތުން ތިމަރަފުށި ޓީމްގެ ތަޖުރިބާކާރު ކެޕްޓަން އަބްދުލް ނާސިރު ބުނީ އޭނާ ޓީމުގަ ހުރިމަކީ ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއްކަމަށާއި ހާއްސަކޮށް މިކަހަލަ ފައިނަލު މެޗެއްގައި ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނަށް އޭނާގެ ތަޖުރިބާ މުހިންމުވާނެ ކަމަށެވެ.

ނާސިރު ބުނީ ޓީމްގައި 2016 ވަނަ އަހަރު ފައިނަލުގައި ކުޅުނު ބައެއް ކުޅުންތެރިން ހިމެނޭކަމަށާއި އެކަމަކު މިފަހަރު ފައިނަލަށް ނުކުންނައިރު ޓީމްގައި ހުނަވެރި ޒުވާން ކުޅުންތެރިން ގިނަވުމަކީ ލިބޭ ހިތްހަމަޖެހުމަކަށެވެ.

"އަޅުގަނޑު ޓީމުގައި ހުރެ މިވަރުގެ ފައިނަލަކަށް ނުކުތުމަކީ ހާއްސަކޮށް ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ލިބިގެންދާ ވަރަށް ބޮޑު." ނާސިރު ބުންޏެވެ.

ފައިނަލު މެޗާ ގުޅޭގޮތުން ށ.ފޯކައިދޫ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރ އަހުމަދު އާސިފް ބުނީ ފައިނަލަށް އެޓީމު ނުކުންނަނީ ވަރަށް ބޮޑު އުންމީދަކާއެކު ކަމަށާއި އޭނާއަށް ތަށިލިބޭނެކަމުގެ ޔަގީންކަންވެސް ވަރަށް ބޮޑުކަމަށެވެ.

10 އަހަރުފަހުން މިވަރުގެ ފައިނަލަކަށް ނުކުންނައިރު ފޯކައިދޫ ނުކުންނަނީ ފުރިހަމަޔަށް ތައްޔާރުވެގެންކަމަށާއި ހާއްސަކޮށް މިނިވަންޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގެ ތިންވަނައަށް ދިޔަހިސާބުން މަސައްކަތްފެށިކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން ކުޅުންތެރިން ހޯދާ މިއަހަރުގެ ފައިނަލަށް ދިޔުމަކީ ކުރެވުނު މަސަކަތުގެ ނަތީޖާކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

" އަޅުގަނޑުމެން ފުރިހަމަ އިތުބާރާ ޔަގީންކަން އެބައޮތް ޓީމާ ދޭތެރޭ. މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ފައިނަލަށް މިނުކުންނަނީ" އާސިފް ބުންޏެވެ.

މެޗާއި ގުޅޭގޮތުން ފޯކައިދޫ ޓީމުގެ އަހުމަދު ފަޒީލް ބުނީ ޓީމްގެ ކުޅުންތެރިންގެ ރޫހް ވަރަށް ރަނގަޅު ކަމަށާއި ހުރިހާ ކުޅުންތެރިންގެ ވިސްނުންހުރީވެސް ޓީމުރަށަށް އެނބުރި ދާއިރު ތަށި ހިފައިގެންދިޔުންކަމަށެވެ.

" ޓީމްގެ ކުޅުންތެރިން ވަރަށް ކިކުގަ ތިބީ. ތަށި ކާމިޔާބުކޮށްގެން އެނބުރު ރަށަސް ދާން ބޭނުމީ."

އެންމެ ފަހުން ޒޯންޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ފޯކައިދޫ ކާމިޔާބުކުރީ 2007ގައެވެ.

މިއަހަރުގެ މިނިވަންޗެމްޕިއަންޝިޕް ފައިނަލު މެޗު ކުޅޭނީ މާދަމާރޭ ނުވައެއް ޖަހާރު ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭ އަޑުން ދުރަށް ފޮނުވާނެއެވެ.