ޚަބަރު

އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އޭދަފުއްޓަށް


އުރީދޫން ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ. އޭދަފުއްޓަށް ދޭން ފަށައިފިއެވެ.

އުރީދޫން ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އޭދަފުއްޓަށް ތަޢާރަފުކުރުމަށްފަހު އެރަށަށް ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. އެގޮތުން 7 ޖުލައިގެ ކުރިން އުރީދޫގެ ސުޕަރނެޓްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް 1 އަހަރުގެ މަހު ފީ އިން %30 ޑިސްކައުންޓު ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި އެދަފުށީގައި ޚިދުމަތް ހޯދާ ފަރާތްތަކަށް އެކްޓިވޭޝަން ފީއެއް ނެތި ޚިދުމަތް ލިބޭނެއެވެ.

އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގައި ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ، އުރީދޫއިން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް ކަމަށެވެ. އަދި ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ޚިދުމަތާއި އެކު، އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދޭ ބައިނަލްއަޤްވާމީ އެތަކެއް ވަސީލަތްތަކާއި އާންމުން ގުޅުވުމުގެ ފުރުޞަތު ބޮޑުވާނެކަމަށެވެ.

"ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ޚިދުމަތާއި އެކު، އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދޭ އެތަކެއް ބައިނަލްއަޤްވާމީ ވަސީލަތްތަކާއި އާންމުން ގުޅުވާދެވޭ. އެހެންކަމުން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެން ނުހަނު އަޙަމިއްޔަތުކަންދޭ ކަމެއް. މި މަސައްކަތުގެ ދަށުން، އޭދަފުއްޓަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫން އޭދަފުއްޓަށް ސުޕަނެޓްގެ ޚިދުމަތް ދެނީ އޭދަފުށި ކޭބަލް ނެޓްވަރކާއި ގުޅިގެންނެވެ.