ޚަބަރު

އެމްއައިބީގެ މޮބައިލް ބޭންކިންގ އެޕްލިކޭޝަން ތަޢާރަފުކޮށްފި


މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ މޯބައިލް ބޭންކިންގ އެޕްލިކޭޝަން ތަޢާރަފް ކޮށްފިއެވެ. މި އެޕްލިކޭޝަން ތަޢާރަފުކޮށްދެއްވީ މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރުއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް ބޭންކިންގ އެޕްލިކޭޝަން ތަޢާރަފްކޮށްފައިވަނީ "ފައިސާ މޮބައިލް" ގެ ނަމުގައެވެ. ފައިސާ މޮބައިލްއިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އާންމުކޮށް މިފަދަ ޚިދުމަތްތަކުން ލިބޭ ހުރިހާ ޚިދުމަތެއް ހިމެނެއެވެ. އޭގެ ތެރޭގައި އެކައުންޓު ބެލެންސް އާއި ތަފްޞީލް ބަލާލުމުގެ އިތުރުން ފައިސާ ފޮނުވުންފަދަ ހިދުމަތްތައް ހިމެނެއެވެ.

"ފައިސާ މޯބައިލް" އެޕްލިކޭޝަން ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު ނަޞީރު ވިދާޅުވީ މި އެޕްލިކޭޝަންގެ ސަބަބުން ފައިސާ ޓްރާންސްފަރ ކުރައްވާ ބޭފުޅުންނާއި ފައިސާގެ މުޢާމަލާތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި އިލެކްޓްރޯނިކުކޮށް ނުވަތަ މޮބައިލް މެދުވެރިކޮށް ވަގުތުން ފައިސާގެ މުޢާމަލާތްތައް ކުރެވޭ ގޮތްވުމަކީ ވަގުތު ސަލާމަތްކުރެވި ފައިސާގެ މުޢާމަލާތްތައް ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ.

މިރަސްމިއްޔާތުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކްޓިންގ ސީއީއޯ އަޙްމަދު ރިޒާ ވިދާޅުވީ މިއަދަކީ ދިވެހި އުފެއްދުންތެރިކަމުގެ އުދަރެހުގައި ފާހަގަކޮށްލެވޭ ދުވަހެއްކަމަށާއި އެ ބޭންކުގެ ފަލްސަފާއަކީ ދިވެހި އުފެއްދުންތެރިކަން މި ދާއިރާގައިވެސް އިތުރުކުރުން ކަމަށެވެ.

އެމްއައިބީ އިން ތަޢާރަފްކުރި ފައިސާ މޮބައިލް އެޕްލިކޭޝަނަކީ 100 ޕަސެންޓު ދިވެހި އުފެއްދުންތެރިން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއްކަމަށް އެމްއައިބީން ބުނެއެވެ.