ޚަބަރު

މޯލްޑިވިއަން އައިޑަލް ގްރޭންޑް ފިނާލޭގެ ޕަރފޯމަންސް ޝޯ ބުރާސްފަތި ދުވަހުގެ ރޭ


މޯލްޑިވިއަން އައިޑަލް ގްރޭންޑް ފިނާލޭގެ ޕަރފޯމަންސް ޝޯވް އަންނަ ބުރާސްފަތި ދުވަހުގެ ރެއަށް އަވަސްކޮށްފިއެވެ.
ކުރިން ހުކުރު ދުވަހުގެ ރޭ ޕަރފޯމަންސް ޝޯވް ބާއްވަން ނިންމި ނަމަވެސް ޝޯވް އަވަސްކުރީ ބައިވެރިންނަށް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު އިތުރު ކޮށްދިނުމަށްކަމަށް އައިޑަލް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އެސް.އެމް.އެސް ކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް އޮންނާނެކަމަށްވެސް އައިޑަލް ޓީމުން ބުނެއެވެ. ގްރޭންޑް ފިނާލޭ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 10:30 ގައެވެ.

އައިޑަލް ސީޒަން ތިނެއްގެ ގްރޭންޑް ފިނާލޭގެ ޕަރފޯމަންސް ޝޯވް ބުރާސްފަތި ދުވަހުގެ ރޭ ބާއްވާއިރު، މިއީ މޯލްޑިވިއަން އައިޑަލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގްރޭންޑް ފިނާލޭގައި 5 ބައިވެރިންގެ ހުށަހެޅުންތައް ފެނިގެންދާނެ ފަހަރުއެވެ.
ވާދަވެރި ހުށައެޅުންތަކަކަށްފަހު މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލަށް ވާދަކުރާ 5 ބައިވެރިންނަކީ އައިޝަތު އަޒަލް އަލީ ޒާހިރު، މަރިޔަމް މައިޝާ، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް އަދި ނައުޝާދު ޢަބްދުލްލަތީފެވެ.