ސިއްހަތު

ދުނިޔޭގެ ތެލެސީމިއާ ދުވަސް: ތެލެސީމިއާއަށް ސްކްރީން ކުރުމަށް ސަމާލުވުން މުހިއްމު


ތެލެސީމިއާއަކީ އެބައްޔެއްގެ ސަބަބުން އެތަކެއް އާއިލާތަކަކަށް ހިތްދަތިކަމާއި ބޮޑެތި ތަކުލީފުތަކަކާއި ކުރިމަތިލާންޖެހިފައިވާ ބައްޔެކެވެ. ރާއްޖޭގައިވެސް ތެލެސީމިއާމެދު އާއްމުންގެ ހޭލުންތެރިކަން ދުވަހުން ދުވަހަށް އިތުރުވިނަމަވެސް ތެލެސީމިއާއަށް ސްކްރީން ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަކީ މުހިއްމުކަމެއްކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެއެވެ. ދުނިޔޭގެ ތެލެސީމިއާ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ދަރުމައަށް ލޭ ހަދިޔާކުރުން ރާއްޖޭގައިވެސް އިތުރުކުރުމަށް އެ ސަރވިސަސްއިން އަންނަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ.

ތެލަސީމިއާއަކީ ލޭގައިވާ އާދަޔާޚިލާފުކަމެކެވެ. ތެލެސީމިއާ ވާރުތައް ކުރަނީ ހަމައެކަނި މައިންބަފައިންގެ ފަރާތުން ދަރިންނަށެވެ. މި ބަލީގެ ސަބަބުން ލޭގައި ހިމެނޭ ހީމޯ ގުލޯބިން ނުވަތަ އެޗް.ބީ ފުރިހަމައަށް އުފައްދައެއްނުދެއެވެ. ހީމޯގުލޯބިންއަކީ ލެއަށް ރަތްކުލަ ގެނެސްދީ އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ އެންމެ މުހިއްމު މާއްދާއެވެ. މި މާއްދާ އުފެދިފައިވަނީ ދެބީޓާ އަދި ދެ އަލްފާ ޗެއިން ގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލްސީމިއާއަށެވެ. އަދި އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލަސީމިއާއަށެވެ. ދިވެހިރާއްޖޭގައި މީގެތެރެއިން އެންމެ ޢާންމު ވައްތަރަކީ ބީޓާ ތެލްސީމިއާއެވެ. ތެލެސީމިއާ ކުދިންގެ މައިގަނޑު ފަރުވާއަކީ ޤަވާޢިދުން ލޭއެޅުމާއި، ހަށިގަނޑުގައި ޖަމާވާ ދަނގަނޑުގެ ބައި ދަށްކުރުމަށްޓަކައި ޑެސްފަރޯލްގެ ފަރުވާދިނުން ނުވަތަ ބޭސް ބޭނުން ކުރުމެވެ.

ތެލެސީމިއާގެ ކުދިން އުފަންވާކަން ރާއްޖޭގައި އާއްމުކޮށް ފާހަގަކުރެވެންފެށީ މީގެ 40 އަހަރު ކުރިންނެވެ. މިއީ ދިގުމުއްދަތަކަށް ލޭ އަޅަންޖެހޭ ބައްޔަކަށްވުމާއެކު، މިކަމާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރާއި އަމިއްލަ ޖަމްޢިއްޔާތަކުން ތަފާތު ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. ރާއްޖޭގައި ތެލެސީމީއާ ބަލި ކޮންޓްރޯލްކުރުމުގެ ގޮތުން ދެހާސް ބާރަވަނަ އަހަރު ވަނީ ތެލެސިމީއާ ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނެއް ހަދާ، އެއަށް ޢަމަލުކުރަން ފަށާފައެވެ. މި ޤާނޫނުގެ ދަށުން ދިވެހި ކޮންމެ ދަރިޔަކު އުމުރުން 18 އަހަރުވުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކޮށް، ނަތީޖާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ބެލެނިވެރިންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ރާއްޖޭގައި ތެލެސީމިއާގެ ސަބަބުން ލޭ އަޅަންޖެހޭ މީހުންގެ ދަފްތަރުގައި މިހާތަނަށް 861 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާއިރު، މީގެތެރެއިން ދުނިޔޭގައި ތިބީ 630 މީހުންނެވެ. އަދި މީގެތެރޭގައި އެވެރަޖްގޮތެއްގައި ގިނައީ 16 އަހަރުން ދަށުގެ ކުޑަކުދިންކަމަށާއި، ގާތްގަނޑަކަށް މަހެއްގެ މައްޗަށް މިފަދަ ދެ ކުދިންގެ ނިސްބަތުން ކުދިން އިތުރުވަމުންދާކަން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ތެލެސީމީއަށް ސްކްރީންކުރުމުގެ ޚިދުމަތް ރާއްޖޭގައި ފަށާފައިވަނީ 1995 ވަނަ އަހަރުން ފެށިގެންނެވެ. އެފަހުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސްފަރުވާގެ ޚިދުމަތް ދިނުމުގައި ރާއްޖެއިން ސަރަޙައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދާފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެއެވެ. އެގޮތުން ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ޚިދުމަތް ކުރިއަށްވުރެ ފުޅާކޮށް، ތެލެސީމިއާ ކުދިންނާއި މީހުންނަށް ބޭނުންވާ ބޭސް އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.

ތެލެސީމިއާގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ކޮށްދިނުމުގެ އިތުރުން، ޒަކާތު ފަންޑު މެދުވެރިކޮށް ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ދޭ ޚިދުމަތްތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަން އެ ސަރވިސަސްއިންވެސް ފާހަގަކުރެއެވެ.

ކޮންމެ ޤައުމެއްގައިވެސް ދިރިއުޅޭ އާބާދީގެ މަދުވެގެން 1 އިންސައްތަ މީހުން ލޭ ހަދިޔާކުރާ ބަޔަކަށް ހެދުމަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯގެ ލަނޑުދަނޑިއެކެވެ. ރާއްޖެއިން މި މި ލަނޑުދަނޑި ހާސިލްކޮށްފައިވާއިރު، ރާއްޖޭގައި ލޭ ހޯދުމުގައި އަދިވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަމިއްލައަށް އިސްނަގައިގެން ނުވަތަ ދަރުމައަށް ލޭ ހަދިޔާކުރާ މީހުންގެ އަދަދު މަދުވުންކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެއެވެ. 2020 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ ހުރިހާ ބްލަޑް ބޭންކްތަކަކަށް އެއްކުރެވޭ ލެއަކީ 100 އިންސައްތަ ދަރުމައަށް މީހުން ހަދިޔާކޮށްފައިވާ ލޭކަމަށް ހެދުމަކީ ޑަބްލިޔު.އެޗް.އޯގެ ވަރަށް މުހިއްމު ތަޞައްވުރެކެވެ. ރާއްޖޭގައި އަދި މި ނިސްބަތް އުޅޭނީ 33 އިންސައްތައިގައެވެ.

ދުޅަހެޔޮ ސިއްޙަތެއްގައި ހުރި ކޮންމެ މީހަކަށްވެސް ލޭ ހަދިޔާކުރެވިދާނެއެވެ. އަދި މިއީ ވަކި ޖިންސަކަށް އޮންނަ ކަމެއްވެސް ނޫންނެވެ. ލޭ ހަދިޔާކުރުމުގައި މައިގަނޑުގޮތެއްގައި 3 ކަމަށްބަލައެވެ. އެއީ އުމުރުން 18 އަހަރު ފުރިފައިވުން، ބަރުދަނުގައި މަދުވެގެން 45 ކިލޯ ހުރުން އަދި އެމީހެއްގެ ހިމޮގްލޮބިން ލެވެލް 12.5 އަކަށްވުރެ މަތީގައި ހުރުން ހިމެނެއެވެ.