ޚަބަރު

ވެންގާގެ ވަދާއި މެޗުން އާސެނަލަށް ބޮޑު މޮޅެއް


އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް އެކުލަބާއި ސަޕޯޓަރުން ވަރަށް ފުރިހަމަ ފަސް ތަރީގެ ސަލާމަކުން ވަދާއީ ސަލާމްކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި މި ސީޒަނުގައި އާސެނަލް ކުޅުނު ފަހު މެޗުގައި ބާންލީ އަތުން 5-0އިން މޮޅުވި މެޗަށް ފަހު އާސެނަލް އިން ވަނީ ފާއިތުވެދިޔަ 22 އަހަރު އެކުލަބަށް ވެންގާ ކޮށްދިން ހިދުމަތް ފާހަގަކޮށް އޭނާ ހާއްސަ ޓްރޮފީއެއް އަރުވައިފައެވެ.

މެޗަށް ފަހު ސްޓޭޑިއަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އާސެނަލްގެ ވެރިން ވަނީ ވެންގާ އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. އަދި ބަލިނުވެ 2004 ވަނަ އަހަރުގެ ސީޒަން ވެންގާ ކާމިޔާބުކޮށްފައިވާ ކަމަށާއި އޭނާގެ ފަރާތުން އާސެނަލް އަށް ލިބުނު ކުރިއެރުންތައް ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ.

ކުޅުންތެރިންނާއެކު ސްޓޭޑިއަމް ވަށައި ސަޕޯޓަރުންނަށް ވަދާއީ ސަލާމް ކުރުމަށް ހިނގަން ފެށުމުގެ ކުރިން ވެންގާ ބުނީ އޭނާ އަށް 22 އަހަރު ވަންދެން އާސެނަލްގެ ކޯޗުކަން ކުރުމުގެ ފުރުސަތު ދިނީތީވެ ޝުކުރު އަދާ ކުރާ ކަމަށެވެ.

"އަހަރެން ވަރަށް މިސްވާނެ އާސެނަލް. އަހަރެން ޝުކުރު އަދާކުރަން މި ފުރުސަތު އަހަންނަށް ދީފައިވާތީވެ. އަހަރެން ކުލަބުގެ އާ ކޯޗަށް އަންނާނެ މީހަކަށް މަރުހަބާ ކިޔަން. ސީޒަން ފެށުނުއިރު އަހަރުމެންގެ ސަޕޯޓަރުންނަށް ތިބެވުނީ ޓީމާ ކުޑަކޮށް ދުރުގައި. އެކަމަކު ސަޕޯޓަރުން އަބަދުވެސް ތިބެނީ ޓީމާއެކުގައިކަން އަހަރެން ޔަގީންކުރަން،" ވެންގާ ބުންޏެވެ.

ފަހަކަށް އައިސް ކާމިޔާބު ނުލިބޭތީވެ އާސެނލްގެ ސަޕޯޓަރުން ވަނީ މިދިޔަ ދެ އަހަރު ވެންގާއާ ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ރޭ ސަޕޯޓަރުންގެ ފަރާތުން ފެނުނީ އޭނާ އަށް އިހްތިރާމްކޮށް ޝުކުރު އަދާކުރިތަނެވެ.