ޚަބަރު

ޕްރިމިއަރ ލީގު ކާމިޔާބު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް - ގާޑިއޯލާ


ސްޕެއިނާއި ޖަރުމަނު ލީގު ކާމިޔާބު ކުރުމަށްވުރެ އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރުމަކީ މާ އުނދަގޫ ކަމެއް ކަމަށް ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސްޕެއިނުގެ ބާސެލޯނާ އާއި ޖަރުމަނު ބަޔާން މިއުނިކްގައި ލީގު ޗެމްޕިއަންކަން ހޯދި ކޯޗު މިހެން ބުނީ ހަޑަސްފީލްޑް ޓައުނާ އެއްވަރުވި މެޗަށް ފަހު ލީގު ތަށި އުފުލާލައިގެންނެވެ.

"ސްޕެއިން އާއި ޖަރުމަނަށްވުރެ މި ލީގު އުނދަގޫ އުނދަގޫ. އަހަރުމެންނަށް ކުރެވުނު މަސައްކަތާމެދު އަހަރެން ހިތްހަމަޖެހޭ. ސީޒަން ފެށޭއިރު އެކަކަށް ވާނެ ގޮތެއް ނޭނގެ. މިއީ މާ އުނދަގޫ ލީގެއް،" ގާޑިއޯލާ ބުންޏެވެ.

ބާސެލޯނާއާއެކު ގާޑިއޯލާ ވަނީ އޭނާގެ ފުރަތަމަ ސީޒަނުގައި ތަށި ހޯދައިފަ އެވެ. އަދި ބަޔާންގައި ވެސް ފުރަތަމަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދި އެވެ. ނަމަވެސް ސިޓީގައި ގާޑިއޯލާ އަށް ތަށި ހޯދުނީ ދެ ވަނަ ސީޒަނުގަ އެވެ.

މިކަމާ ބެހޭ ގޮތުން އޭނާ ބުނީ އިނގިރޭސި ލީގުގައި އެއް ފެންވަރެއްގެ ޓީމުތައް ގިނަ ކަމަށާއި އަދި ހުރިހާ ޓީމެއްގެ ވާދަވެރިކަން ވަރަށް ބޮޑު ކަމަށެވެ.

" މިލީގުގައި ޗެމްޕިއަންކަން ހޯދާ ޓީމަށްއ ޖެހިގެން އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގަށް ވެސް ކޮލިފައިވެވޭވެ ކަމުގެ ޔަގީންކަމެއް ނޯވޭ. ކޮލިފައި ނުވެވެސް އެބަހުރި. އެހެންވީމާ މި ލީގު މާ އުނދަގޫ. ހާއްސަކޮށް އިނގިރޭސި ލީގު ދިފާއު ކުރަން މާ އުނދަގޫވާނެ،" ގާޑިއޯލާ ބުންޏެވެ.