ޚަބަރު

އިނިއެސްޓާގެ ވަދާއީ އެލް ކްލަސިކޯ އެއްވަރު!


ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާގެ ފަހު ކްލެސިކޯ މެޗު 2-2އިން އެއްވަރުވެއްޖެއެވެ.

ރިއާލް މެޑްރިޑާއި ބާސާގެ ކުރިމަތިލުން އެއްވަރުވުމުން ޗެމްޕިއަން ބާސެލޯނާއަށް ބަލިނުވެ މި ލީގު ނިންމާލުމަށް ދެން ބާކީ އޮތީ އެންމެ ތިން މެޗެވެ. ރޭގެ މެޗުގައި ބާސެލޯނާއަށް ލަނޑު ޖަހައިދިނީ ލުއިސް ސުއަރޭޒް އާއި ލަޔޮނަލް މެސީއެވެ.

ސާޖި ރޮބާޓޯ ގަސްތުގައި ރެއާލްގެ މާސެލޯގެ މޫނުމަތީގައި ޖެހުމުން ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ދެއްކި ރަތްކާޑުގެ ސަބަބުން 10 ކުޅުންތެރިންނާއެކު މެޗު ފުރިހަމަ ކުރި ބާސެލޯނާ ކޮޅަށް ރެއާލްއިން ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ގެރެތް ބޭލްއެވެ.

ފައުލްތަކާއި ކާޑުތައް ގިނަވި މި މެޗުގެ ދެ ވަނަ ހާފުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯ ނުކުޅެއެވެ. އެއީ އޭނާގެ ފަޔަށް ފުރަތަމަ ހާފުގައި ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

ބާސެލޯނާއިން މި ސީޒަނުގެ ޗެމްޕިއަންކަން ހޯދީ މިދިޔަ ހަފުތާގައެވެ. މި މެޗަކީ އިނިއެސްޓާގެ ފަހު ކްލެސިކޯ އަށްވީއިރު ފަހު ހާފުގައި އޭނާ ބަދަލު ކުރުމުން ދަނޑުގައި ތިބި ލައްކައެއްހާ ސަޕޯޓަރުން ވަނީ އޭނާ އަށް އިޚްތިރާމް އަދާކޮށްފައެވެ.

މެޗުގެ ކުރިން ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ވަނީ އިނިއެސްޓާ އަށް ތައުރީފް ކޮށްފައެވެ. އޭނާ ބުނީ އިނިއެސްޓާ އަކީ ސްޕޭނުގެ ތާރީހުގައި ފެނިގެންދިޔަ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި އޭނާއާ ސަލާމްކޮށް ހެޔޮއެދޭކަމަށެވެ. މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށް އިނިއެސްޓާ ބަދަލުވާނީ ޗައިނާ ލީގަށެވެ.