ޚަބަރު

ޒުވާން ލީޑަރުންގެ މަޝްވަރާ ބައްދަލުވުން ނިންމާލައިފި


"ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ލ.އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ވަރކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިވަރކްޝޮޕްއަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިންތިޒާމްކުރި ވަރކްޝޮޕެކެވެ.

މިބައްދަލުވުމުގައި ހަތްދިހައަށްވުރެ ގިނަ ޒުވާނުން ލ.އަތޮޅުގެ އެކި ރަށްރަށުންވަނީ ބައިވެރިވެފައެވެ. މިމަޝްވަރާ ބައްދަލުވުމުގައި ޒުވާނުންނަށް ބޭނުންވެފައިހުރި ގިނަ ކަންކަމާއި މުޖުތަމަޢުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ތަފާތު ސެޝަންތައްވަނީ ކުރިއަށް ގެންގޮސްފައެވެ. އެފަދަ ކަންކަމުގައި ޒުވާނުންގެ ޚިޔާލާއި ވިސްނުން ޙިއްސާކޮށް ކަމުގެ ތަޖުރިބާކާރުންނާއި މަޝްވަރާކޮށްފައިވެއެވެ. މިމަޝްވަރާތަކުގައި ވަނީ އިސްލާމްދީނުގައި ޒުވާނުން ބާރުވެރިކުރުމަށް ބާރުއަޅާ މިންވަރާއި އިސްލާމީ ތާރީޚުގެ އެކި ދުވަސްވަރު އުޅުއްވި މަޝްހޫރު ލީޑަރުންނާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.

އަދި ދިވެހި ޖުމްހޫރިއްޔާއާއި ރާއްޖޭގެ ތާރީޚާއި ބެހޭގޮތުންނާއި ޒުވާން ލީޑަރުންގެ ގޮތުގައި މުޖުތަމަޢުގައި ދަމަހައްޓަންޖެހޭ އަޚުލާޤީ އަދި ސުލޫކީ މިންގަނޑުތަކާ ބެހޭގޮތުންވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ޤައުމުގެ އަމާންކަން ދެމެހެއްޓުމަށް ޒުވާނުންގެ ދައުރާ ބެހޭގޮތުން މަޝްވަރާކޮށް އެކަމުގައި ޒުވާނުން ދެކޭ ގޮތްވެސްވަނީ ޙިއްސާކޮށްފައެވެ. މިބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝައުކަތެވެ. މިރަސްމިއްޔާތުގައި ޒުވާނުންނާ ވާހަކަދައްކަވަމުން ޝައުކަތު ވިދާޅުވީ ޒުވާން ކަންމަތީ ހޭދަކުރާ ވަގުތާކީ މުހިއްމު ވަގުތެއްކަމަށާއި އެވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

ޒުވާނުން ބާރުވެރިކުރުވައި އިޖުތިމާޢީ ކަންކަމުގައި އެމީހުންގެ ދައުރު އިތުރުކުރުމަށް ޔޫތް ލީޑަރސް ނެޓްވަރކުން އިންތިޒާމްކުރާ މި ވަރކްޝޮޕްއަށް ޒުވާނުންގެ ތަރުހީބު ދަނީ އިތުރުވަމުންނެވެ. މި ވަރކްޝޮޕްގައި ބައިވެރިވި ބައެއް ޒުވާނުންވަނީ ޕީއެސްއެމް ނިއުސްއާ އެފަރާތްތަކުގެ ޝުޢޫރު ހިއްސާކޮށްފައެވެ.

ހޯމް މިނިސްޓްރީން ކުރިއަށް ގެންދާ މިވަރކްޝޮޕް 2015 ވަނަ އަހަރުންފެށިގެން ކުރިއަށް ގެންދާއިރު މިއީ މިފަދަ ތިންވަނަ ވަރކްޝޮޕެވެ. މީގެ ކުރިންވަނީ ފުވައްމުލަކާއި ކުޅުދުއްފުށީގައި މިވަރކްޝޮޕް ކުރިއަށްގެންގޮސް 200 އަށްވުރެ ގިނަ ޒުވާނުންނަށް ބޭނުންތެރި މުހިއްމު މަޢުލޫމާތުތަކެއް ދީފައެވެ.