ކުޅިވަރު

ބްރޭކަށްފަހު ވަރުގަދަ މެޗަކުން ފަށަން ޖެހުމަކީ ނަސީބެއް: ނިޒާމް


ބްރޭކަށްފަހު ލީގުގެ ދެވަނަ ބުރު ވަރުގަދަ މެޗަކުން ފަށަން ޖެހުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެއްކަމަށް ޓީސީ ސްޕޯރޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކްލަބް އީގަލްސް އާއި ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިޒާމް ބުނީ ޕޮއިންޓް ޓޭބަލަށް ބަލާއިރު މި މެޗަކީ ދެޓީމަށްވެސް ވަރަށް މުހިއްމު މެޗެއްކަމަށެވެ. އަދި ވީހާވެސް އަވަހަށް ދިވެހި ޕްރިމިއަރ ލީގުން ޖާގައެއް ހޯދަން މަސައްކަތް ކުރާނެކަމަށެވެ.

"ވަރުގަދަ މެޗަކުން ލީގުގެ ދެވަނަ ބުރު ފަށަން ޖެހުން މިއީ ލިބުނު ވަރަށް ބޮޑު ނަސީބެއް. ދެން ލީގު ތާވަލަށް ބަލާއިރު މި މެޗަކީ ދެޓީމަށްވެސް ވަރަށް މުހިއްމު މެޗެއް. ދެން ކުރިއަށް މި އޮތީ ރޯދަމަސް. ކޮންމެ ޓީމަކުންވެސް ބޭނުންވާނެ ރޯދަ އައުމުގެ ކުރިން ޕްރިމިއަރ ލީގުން ޖާގައެއް ކަށަވަރު ކުރަން. ހަމަގައިމުވެސް އަޅުގަނޑުމެން އެކަން ހާސިލްކުރަން ވަރަށް މަސައްކަތް ކުރާނަން." ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުންޏެވެ.

ނިޒާމް ބުނީ ޓީސީގައި މިވަގުތު ތިބި ރާއްޖޭގެ ދެ ކީޕަރުން ކަމަށްވާ ނަދީމް އާއި އިފްރާހްގެ ފަރާތުން ވަރަށް ހިތްހަމަޖެހޭ ފެންވަރުގެ ކުޅުމެއް ފެނިގެންގޮސްފި ކަމަށާއި، ހާއްސަކޮށް ލީގުގައި ނަދީމް ފަރާތުން ފެނިގެންދިޔަ ކުޅުން ފާހަގަކުރާކަމަށެވެ. ޓީސީގެ ބިދޭސީ ކީޕަރި ދިމިތްރީ އަސްނިން އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައިނަމަވެސް ކީޕަރު ނަދީމްގެ ކުޅުން ރަނގަޅުނަމަ ދެންވެސް ފުރަތަމަ އެގާރައިން ފުރުސަތު ދޭނީ ނަދީމްއަށް ކަމަށް ނިޒާމް ބުންޏެވެ.