ޚަބަރު

ފްލެޓް ފޯމު ބަލައިގަންނަން ފަށާނީ ޖޫން 3 ގައި


ރާއްޖޭގެ ތާރީޚްގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށް އެދޭ ފޯމު ދޫކުރަން ފަށާނީ މިއަދު މެންދުރުފަހު 14:00 އިން ފެށިގެންކަމަށާ، ފޯމް ބަލައިގަތުން މިއަދު ނުފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ފްލެޓްތަކަށް ދޫކުރާ ފޯމު މިއަދުންފެށިގެން އަންނަ ޖުލައިމަހުގެ 31 ވަނަދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށެވެ. ފޯމް ބަލައިގަތުން ފަށާނީ އަންނަ ޖޫން މަހުގެ 03 ވަނަ ދުވަހުންފެށިގެން ޖުލައި 31 ވަނަދުވަހާ ހަމައަށްކަމަށްވެސް މިއަދު ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގެ ތާރީޚްގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށް އެދޭ ފޯމް، ކިޔޫގައި ނުޖެހި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް މިއަދުން ފެށިގެން، މިވަނީ ހަމަޖައްސާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ މުޙައްމަދު ޖަމްޝީދު ވިދާޅުވީ، އެހެން ފަހަރުތަކާ ތަފާތުކޮށް، މިފަހަރު ފްލެޓަށްއެދޭ ފޯމް ނެގުމުގައި އެއްވެސް ތަކުލީފަކާ ކުރިމަތިލާން ނުޖެހޭނެކަމަށް. އެގޮތުން، ފޯމު ނެގުމަށް ކިޔޫގައި މަޑުކުރަން ނުޖެހޭގޮތަށް އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި، އޮންލައިންކޮށްވެސް ފޯމް ޑައުންލޯޑް ކުރެވޭނެކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފުރަތަމަ ދޫކުރާ ފްލެޓްތަކުގެ ފޯމުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އަދި ފޯމު ދޫކުރުން މިއަދުން ފެށިގެން ރަސްމީ ދުވަސްތަކުގެ ހެނދުނު 9 އިން މެންދުރު 2 އަށް، އަދި ހަވީރު 4 އިން އިރުއޮއްސި 6 އަށް، އަދި ރޭގަނޑު 8 އިން 11 އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްދާނެކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި ހުކުރު ދުވަސްތަކުގައި ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 9 އިން 11 އަށް ފޯމު ދޫކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ހޮނިހިރު ދުވަސްތަކުގައި ހެނދުނު 10 އިން 12 އަށް، ހަވީރު 4 އިން 6 އަށް، އަދި ރޭގަނޑު 9 އިން 11 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރާ 7000 ހައުސިން ޔުނިޓްތައް ދޭނެ ކެޓެގަރީތައް ސަރުކާރުން ކުރިން ވަނީ އިޢުލާންކޮށްފައެވެ. އެ ކެޓަގަރީތަކަކީ ސިވިލް ސާރވިސް މުވައްޒަފުންނަށް 1000 ފްލެޓް، އުމުރުން 18- 40 ދެމުދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓް، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތިހާލުގައި އުޅޭ ގޭބިސީތަކަށް 256 ފްލެޓެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 1 ލައްކައަށްވުރެ ގިނަ މީހުންންގެ އާބާދީއަކަށް އަމިއްލަ ގެދޮރުވެރިކަން ޔަޤީންވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ދުނބުރި އިބްރާހިމް

އެގޮތުން، ފޯމު ނެގުމަށް ކިޔޫގައި މަޑުކުރަން ނުޖެހޭގޮތަށް އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި، އޮންލައިންކޮށްވެސް ފޯމް ޑައުންލޯޑް ކުރެވޭނެކަމަށެވެ. ޙަބަރު ފުރިހަނުވޭ، ކޮބާތޯ ފޯމު ޑައުންލޯޑް ކުރެވޭނެ ލިކްނު