ކުޅިވަރު

މިރޭ އަސަދުﷲ ފެނުމުގެ ފުރުޞަތު އެބައޮތް


އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ވެލެންސިޔާ އާއި ދެކޮޅަށް ނިކުންނަ މެޗުގައި ފޯވާޑް އަސަދުﷲ އަބްދުﷲ ފެނުން ވަރަށް ގާތް ކަމަށް އެޓީމު އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒައިރު ބުނީ، މާޒިޔާގެ ފަރިތަކުރުންތަކުގައި އެހެން ކުޅުންތެރިންނެކޭވެސް އެއްގޮތަށް ސަތޭކަ ޕަސެންޓް ދީގެން އަސަދުﷲ ވެސް ބައިވެރިވަމުން އަންނަ ކަމަށެވެ. އަދި މިރޭގެ މެޗުގެ ވަކި ހިސާބަކުން އަސަދުﷲ ފެނުން ވަރަށް ގާތްކަމަށްވެސް ސުޒައިރު ބުންޏެވެ. މިދިޔަ ސީޒަންގެ މެދުތެރެއިން ލިބުނު އަނިޔާއަކާއި ގުޅިގެން އަސަދުﷲ ހުރީ ކުޅުމާ ދުރުގައެވެ.

މާލޭ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުއް ނުލިބި، ތާވަލްގެ ފުލުގައި އޮތް ވެލެންސިޔާ އާއި ގުޅޭގޮތުން ސުޒެއިރު ބުނީ، ވެލެންސިޔާ މިހާރު އޮތް މަޤާމަށް ބަލަން ބޭނުން ނުވާ ކަމަށާއި، އަމާޒަކީ ރޯދާއިގެ ކުރިން ލީގުގައި ކުޅެން އޮތް ދެ މެޗުން މޮޅުވެ ޕްރިމިއަރ ލީގުން ޖާގައެއް ކަށަވަރުކުރުން ކަމަށެވެ.

" މެޗުގައި އަސަދުﷲ ފެނުން ވަރަށް ގާތް. އޭނާ މިހާރު އެ އަންނަނީ އެހެން ކުޅުންތެރިންނެކޭވެސް އެއްގޮތަށް ފަރިތަކުރުންތަކުގައި ބައިވެރިވަމުން. ދެން ވެލެންސިއާ ތާވަލްގެ ފުލުގައި އޮތަސް މެޗު ފަސޭހައެއް ނުކުރާނަން. މާޒިޔާގެ ޓާގެޓަކީ ރޯދާއިގެ ކުރިން ލީގުގައި ކުޅެން އޮތް ދެ މެޗު ކާމިޔާބުކޮށް ޕްރިމިއަރ ލީގުން ޖާގައެއް ކަށަވަރު ކުރުން" މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒައިރު ބުންޏެވެ.
އޭނާ ބުނީ ކުރިޔަށް އޮތް ދެ މެޗު ކާމިޔާބުކުރެވިއްޖެ ނަމަ، ލީގުގައި ކުރިޔަށް ހުރި މެޗުތަކުގައި ޒުވާން ކުޅުންތެރިންނަށް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ދޭނެކަމަށެވެ.

މެޗުގެ ކުރިން ވެލެންސިޔާގެ އެސިސްޓެންޓް ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނީ، ދެވަނަ ބުރަށް ޓީމް ނިކުންނަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި، ފުރަތަމަ ބުރުގައި ދެއްކި ކުޅުމަށްވުރެ ތަފާތު ކުޅެމެއް ދެވަނަ ބުރުގައި ފެނިގެންދާނެކަމަށެވެ. ލައްޗޭ ބުނީ ޓީމުގެ ކޮންބިނޭޝަންވެސް މިހާރު ވަރަށް ބޮޑަށް ރަނގަޅު ވެއްޖެކަމަށާއި، ޓާގެޓަކީ މޮޅަކާއެކު ދެވަނަ ބުރު ފެށުން ކަމަށެވެ.

"ފުރަތަމަ ބުރުގެ ކުޅުމަށް ވުރެ ދެވަނަ ބުރުގައި ޓީމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެކަމަށް މި ބަލަނީ. ދެން ޓީމުގެ ކޮންބިނޭޝަންވެސް މިހާރު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ. ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް މެޗުން މޮޅެއް ލިބޭނެކަމަށް." ވެލެންސިޔާގެ އެސިސްޓެންޓް ކޯޗު އާދަމް އަބްދުލް ލަތީފް ބުންޏެވެ.

މާލޭ ލީގުގެ ދެވަނަ ބުރަށް ވެލެންސިޔާ ނިކުންނަ އިރު އެޓީމު އޮތީ އެންމެ ޕޮއިންޓަކާއެކު ތާވަލްގެ ފުލުގައި. މާޒިޔާ އޮތީ ތޭރާ ޕޮއިންޓާއެކު ލީގުގެ ދެވަނަ މަގާމުގައެވެ.