ދީން

އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ 8 ވަނަ ބައްދަލުވުން ފަށައިފި


އިމާމުންނާއި ޚަތީބުން ތާޒާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތުބައްދަލުވުމުގެ އަށްވަނަ ބައްދަލުވުންފަށައިފިއެވެ.
ތިންދުވަހުގެ މުއްދަތަކަށް ގއ. ގެމަނަފުށީގައި ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި އެ އަތޮޅުގެ އެކި ރަށްތަކުން 34 މީހުން ބައިވެރިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ އިމާމުންނާއި ޚަތީބުންނަކީ މުޖުތަމަޢުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމުން ޒަމާނާ ގުޅުވައިގެން އެމީހުންގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ހޭލުންތެރި ކުރުވުންކަމަށެވެ.

މި ބައްދަލުވުމުގައި ފިޤްހު، ޤްރުޢާން، ދިވެހިބަސް އަދި މިސްކިތުގެ ކަންކަން ބެލެހެއްޓުން ފަދަ ބައިތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން އެމިނިސްޓްރީން ވަނީ ރާއްޖޭގެ 7 ސަރަހައްދެއްގައި މި ބައްދަލުވުންތައް ކުރިއަށްގެންގޮސްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިފަދަ ބައްދަލުވުންތައް ކުރިއަށްއޮތްތަނުގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާނެކަމަށެވެ.