ޚަބަރު

"ހިޔާ" ފްލެޓަށް އެދޭ ފޯމް ކިޔޫގައި މަޑުކުރުމެއްނެތި ފަސޭހަކަމާއެކު ލިބޭނެ - ހައުސިންގ މިނިސްޓްރީ


ރާއްޖޭގެ ތާރީޚްގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށް އެދޭ ފޯމް، ކިޔޫގައި ނުޖެހި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް މާދަމާއިން ފެށިގެން، ހަމަޖައްސާނެކަމަށް ހައުސިންގ މިނިސްޓަރީން ބުނެފިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 7000 ފްލެޓް ދޫކުރުމާއި، އެކަމާގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ "ހިޔާ މަޝްރޫޢުގެ ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ފޯމް ދޫކުރުމުގެ އެކްސްޕޯ" މާދަމާ ދަރުބާރުގޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ފޯމް ދޫކުރަން ފެށުމުގެ ގޮތުން މާދަމާ ހެނދުނު 10 ޖަހާއިރު ހައުސިންގ މިނިސްޓަރ މީޑިއާއާ ބައްދަލުކޮށް، މިކަމާބެހޭ އިތުރު ތަފްސީލް ހާމަކުރާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ މުޙައްމަދު ޖަމްޝީދު ވިދާޅުވީ، އެހެން ފަހަރުތަކާ ތަފާތުކޮށް، މިފަހަރު ފްލެޓަށްއެދޭ ފޯމް ނެގުމުގައި އެއްވެސް ތަކުލީފަކާ ކުރިމަތިލާން ނުޖެހޭނެކަމަށެވެ. އެގޮތުން، ފޯމު ނެގުމަށް ކިޔޫގައި މަޑުކުރަން ނުޖެހޭގޮތަށް އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި، އޮންލައިންކޮށްވެސް ފޯމް ޑައުންލޯޑް ކުރެވޭނެކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފުރަތަމަ ދޫކުރާ ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އަދި ފްލެޓް ދޫކުރުން މާދަމާއިން ފެށިގެން ރަސްމީ ދުވަސްތަކުގެ ހެނދުނު 9 އިން މެންދުރު 2 އަށް، އަދި ހަވީރު 4 އިން އިރުއޮއްސި 6 އަށް، އަދި ރޭގަނޑު 8 އިން 11 އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްދާނެކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.
އަދި ހުކުރު ދުވަސްތަކުގައި ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 9 އިން 11 އަށް ފޯމު ދޫކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ހޮނިހިރު ދުވަސްތަކުގައި ހެނދުނު 10 އިން 12 އަށް، ހަވީރު 4 އިން 6 އަށް، އަދި ރޭގަނޑު 9 އިން 11 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރާ 7000 ހައުސިން ޔުނިޓްތައް ދޭނެ ކެޓެގަރީތައް ސަރުކާރުން ކުރިން ވަނީ އިޢުލާންކޮށްފައެވެ. އެ ކެޓަގަރީތަކަކީ ސިވިލް ސާރވިސް މުވައްޒަފުންނަށް 1000 ފްލެޓް، އުމުރުން 18- 40 ދެމުދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓް، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތިހާލުގައި އުޅޭ ގޭބިސީތަކަށް 256 ފްލެޓެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 1 ލައްކައަށްވުރެ ގިނަ މީހުންންގެ އާބާދީއަކަށް އަމިއްލަ ގެދޮރުވެރިކަން ޔަޤީންވެގެންދާނެކަމަސް ސަރުކާރުން ބުނެއެވެ.