ޚަބަރު

ތިލަދުންމަތީ އުތުރުބުރިއާއި އަރިއަތޮޅު އުތުރުބުރީގައި "ކޮމިއުނިޓީ އެމެޖެންސީ ރެސްޕޮންސް ޓީމް އެކުލަވާލުމުގެ ޕްރޮގްރާމެއް ފަށައިފި


ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލްކަން އިތުރުކޮށް ކާރިސާތަކަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކޮމިޔުނިޓީ އެމެޖެންސީ ރެސްޕޮންސް ޓީމްތައް އެކުލުވާލުމުގެ މަސައްކަތް ފަށައިފިއެވެ.

މިމަހުގެ 2 އިން 8ގެ ނިޔަލަށް ހއ.ކެލާއާއި އއ މަތިވެރީގައި ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި އެ ދެރަށުން 38 މީހުންބައިވެރިވާއިރު އޭގެތެރޭގައި 24 އަންހެނުންނާއި 14 ފިރިހެނުން ހިމެނެއެވެ. މިޕްރޮގްރާމަކީ ޔުނިސެފްގެ އެހީތެރިކަމާއެކު ފަރުމާކޮށްފައިވާ ކޮމިއުނިޓީ އެމެޖެންސީ ރެސްޕޮންސް ޓީމްގެ އޮނިގަނޑުގެމައްޗަށް ބިނާކޮށް އ.ދ ގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޔޫ.އެން.ޑީ.ޕީގެ "ސްކޭލިންގ އަޕް ދަ ނޭޝަނަލް ކެޕޭސިޓީ ފޯރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އިން މޯލްޑިވްސް ޕްރޮޖެކްޓު" ގެ އެއްބައެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ މި ޕްރޮގްރާމަކީ ރަށުފެންވަރުގައި ކާރިސާގެ ކަންކަން ބަލަހައްޓާނެ ނިޒާމެއް ޤާއިމް ކުރުމަށާއި ރަށު ފެންވަރުގައި އެފަދަ ހާލަތްތަކުގައި ހަރަކާތްތެރިވާނެ ފަންނީ ޤާބިލުކަން ރަށުންވަރުގައި އިތުރުކުރުމަށް ހިންގާ ޕްރޮގްރާމެއްކަމަށެވެ. މީގެ އިތުރުން ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި ރަށުގެ ރައްޔިތުންނާއި މުއައްސަސާތައް ބާރުވެރިކޮށް ޒިންމާދާރު ކުރުވުމާއި ރަށުފެންވަރުގައި ކާރިސާގެ ކަންކަން ބަލަހައްޓާނެ ގޮތްތައް ކަނޑައަޅައި ޕްލޭން އެކުލަވާލުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ކާރިސާތަކަށް ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގާ މި ޕްރޮގްރާމްގައި ނުރައްކާތަކަށް ރަށް ހުށަހެޅިފައިވާ މިންވަރާއި ރަށުގެ ހާލަތު ދެނެގަތުމާއި ކާރިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދަސްކޮށްދޭނެއެވެ. އަދި ކާރިސާގެ ހާލަތުގައި ޢަމަލުކުރާނެގޮތްވެސް ބައިވެރިންނަށް ދަސްކޮށްދޭނެއެވެ. މިގޮތުން ރަށުގެ މުއައްސަސާތަކާއިގުޅިގެން އިޖާބަ ދިނުމުގެ މަސައްކަތް ރޭވުމާއި ރައްކާތެރިތަންތަން ކަނޑައަޅައި ކާރިސާގެ ހާލަތުގައި އެތަންތަނަށްދާނޭ މަގުތައް ކަނޑައެޅުމާއި އިވަކުއޭޝަން ސެންޓަރުތައް ބެލެހެއްޓުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ބަލަންޖެހޭ ކަންކަން ބައިވެރިންނަށް ދަސްކޮށްދޭނެއެވެ.
މިއަހރުގެ އަހަރުގެ ފުރަތަމަ 3 މަސް ދުވަސްތެރޭގައި 4 ރަށެއްގައި މިޕްރޮގްރާމް ކުރިއަށް ގެންގޮސް މިފަދަ ޓީމްތަކެއް ވަނީ ގާއިމްކޮށްފައެވެ.

ޑިޒާސްޓަރ މެނޭޖްމަންޓުން ބުނީ ރަށްރަށުގައި ގާއިމް ކުރާ މިފަދަ ޓީމްތަކަކީ ރަށަށް ދިމާވާ އެކި ކުއްލި ހާލަތްތަކުގައި އިޖާބަދިނުމާއި ކުއްލި ހާލަތްތަކަށް ފާރަވެރިވެތިބުމަށް އެކުލަވާލެވޭ މުހިންމު ޓީމްތަކަކަށްވުމާއިއެކު ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާއިން މިޓީމްތަކަށް ފުޅާދާއިރާއެއްގައި ތަމްރީނު ދިނުމަށް ތައްޔާރުކަމަށެވެ.