ޚަބަރު

ރާއްޖޭގެ ތަރައްޤީއަށް އޭޑީބީ މެދުވެރިކޮށް އިތުރު ފަންޑު ހޯދުމަށް މަޝްވަރާކޮށްފި


ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު މެދުވެރިކޮށް، އިތުރު ލުއިފަސޭހަ ލޯންތައް ހޯދުމާބެހޭ ގޮތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަހުމަދު މުނައްވަރު އޭޑީބީގެ ރައީސް ޓަކަހީކޯ ނަކާއޯއާ މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރިޔަށް ގެންދިޔައީ އޭޑީބީގެ 51 ވަނަ އަހަރީ ބައްދަލްވުމުގައި ބައިވެރިވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރ ފިލިޕީންސަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އޭޑީބީ ރައީސާއެކު ބޭއްވި ބައްދަލްވުމުގައި ފިނޭންސް މިނިސްޓަރވަނީ ރާއްޖޭގެ ތަރައްޤީއަށް އޭޑީބީއިން މިހާރުވެސް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ އެކިއެކި މަޝްރޫޢުތަކަށް އޭޑީބީއިން ލުއި، އިންޓްރެސްޓު ކުޑަ ލޯންތައް ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރާއި އޭޑީބީގެ ރައީސް މަޝްވަރާކުރެއްވިއެވެ.

މިދަތުރުފުޅުގެ ތެރެއިން ފިނޭންސް މިނިސްޓަރވަނީ އޭޑީބީގެ ޑިރެކްޓަރ ޖެނެރަލް، ހުން ކިމްއާއެކުވެސް މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި އޭޑީބީގެ ނާއިބު ރައީސް، ވެންކާއީ ޖެންގް އާވެސް ބައްދަލްކުރައްވާފައެވެ. މިބައްދަލްކުރެއްވުންތަކުގައި މިނިސްޓަރ މުނައްވަރު ވަނީ ރާއްޖޭގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މަޝްރޫތަކުގެ މަޢުލޫމާތު އޭޑީބީގެ އޮފިޝަލުންނަށް އަރުވާފައެވެ.
މިނިސްޓަރ މުނައްވަރުގެ ދަތުރުފުޅުގެ ތެރެއިން ވަނީ އޮފިޑް އަދި ކުވެއިތު ފަންޑުގެ އޮފިޝަލުންނާ، އެމެރިކާގެ ޑިޕާޓްމަންޓު އޮފް ޓްރެޒަރީގެ އޮފިޝަލުންނާވެސް ބައްދަލްކުރައްވާފައެވެ.