ޚަބަރު

"އޭޝިއާ ޓެކްސް ކޮމިޝަނަރ އޮފް ދަ ޔިއަރ" އެވޯޑު ޔަޒީދަށް


އިންޓަރނެޝަނަލް ޓެކްސް ރިވިއުއިން ދޭ "އޭޝިއާ ޓެކްސް ކޮމިޝަނަރ އޮފް ދަ ޔިއަރ" އެވޯޑު ރާއްޖޭގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދަށް ލިބިވަޑއިގެންފިއެވެ. "އޭޝިއާ ޓެކްސް ކޮމިޝަނަރ އޮފް ދަ ޔިއަރ" އެވޯޑަކީ ޓެކުހުގެ ދާއިރާއިން ފާހަގަކޮށްލެވޭ ލަނޑުދަނޑިތައް ހާސިލުކޮށްފައިވާ ފަރާތްތައް ފާހަގަކޮށް އިންޓަރނެޝަނަލް ޓެކްސް ރިވިއު (އައި.ޓީ.އާރް) ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.

މި އެވޯޑް ކޮމިޝަނަރ ޖެނެރަލް ޔަޒީދަށް ލިބިވަޑައިގެންފައިވަނީ ރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާކޮށް، ޒަމާނީ ކުރުމަށްޓަކައި 2017 ވަނަ މީރާގެ ކޮމިޝަނަރ ޖެނެރަލް ގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްފުޅަށެވެ. މި އެވޯޑަށް ޔަޒީދާއި އެކު ވާދަކުރައްވާފައިވަނީ އޮސްޓްރޭލިއާ، ސިންގަޕޫރު، ޗައިނާ އަދި ހޮންގކޮންގް ގެ ޓެކްސް ކޮމިޝަނަރަނުންނެވެ. މި އެވޯޑު ދިނުމުގައި ވާދަކުރާ ފަރާތްތަކުން 2017 ވަނަ އަހަރު ކޮށްފައިވާ މަސައްކަތް ބަލައި، މި އެވޯޑަށް އެންމެ އެކަށީގެންވާ ފަރާތް ހޮވާފައިވަނީ އައި.ޓީ.އާރްގެ ހާއްސަ ޖަޖިންގ ޕެނަލްއަކުންނެވެ.

އިންޓަރނޭޝަނަލް ޓެކްސް ރިވިއު (އައި.ޓީ.އާރް) އަކީ ޓެކުހާ ގުޅޭ އެކި އެކި މައުލޫމާތު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓެކްސް އިދާރާގައި މަސައްކަތްކުރާ ފަރާތްތަކާ، ސަރުކާރުތަކާއި، ޓެކުހުގެ ރޮނގުން ދިރާސާ ހަދާ ފަރާތްތައް އަދި ޓެކުހާ ގުޅޭ މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކަށް ހާއްސަކޮށްގެން ގެނެސްދޭ އިދާރާއެކެވެ. އެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވާ 'އޭޝިއާ ޓެކްސް އެވޯޑް" ހަފްލާއަކީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ޓެކުހާ ގުޅޭ އެކި ރޮނގު ރޮނގުން އެންމެ ހޮވާލެވޭ ކުންފުނިތަކާއި، ލީޑަރުން ހޮވާ އެކަމުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ޙައްޤުވާ އެވޯޑު ހަވާލުކުރާ ހަފްލާއެވެ. މިއީ މި ހަފްލާ ބާއްވާ 13 ވަނަ އަހަރެވެ.