ޚަބަރު

އެމް.އޭ.ސީ.އެލް ޓަވަރުގެ ފައުންޑޭޝަންގެ އަމަލީ މަސައްކަތް ފަށައިފި


ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" މަޝްރޫޢުގެ ދަށުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމް.އޭ.ސީ.އެލުން އިމާރާތްކުރާ ޓަވަރުތަކުގެ ފައުންޑޭޝަންގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 15 ބުރީގެ 2 ޓަވަރު އެމް.އޭ.ސީ.އެލެން އިމާރާތްކުރުމަށް ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދަނީ މި 2 ޓަވަރު އެޅުމަށް ހަމަޖެހިފައިވާ ސައިޓް ތައްޔާރުކުރުމާއި ބިންގަޑު އެއްވަރުކުރުމުގެ މަސައްކަތްކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.

އެމް.އޭ.ސީ.އެލްއިން އިމާރާތް ކުރާ 15 ބުރީގެ 2 ޓަވަރުގައި ހިމެނެނީ 1 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އަދި އަމާޒަކީ ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ޓަވަރުތަކުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށާއި، ކައިރި މުސްތަޤުބަލެއްގައި މި އެޕާޓްމަންޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އެމް.އޭ.ސީއެލްގެ 2 ޓަވަރު އެޅުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގުރޫޕާއެވެ. އެމް.އޭ.ސީއެލްގައި 2800 މުވައްޒަފުން މަސައްކަތްކުރާއިރު މި ޓަވަރުތަކުގެ މަސައްކަތް ނިމުމުން ގިނަ އަދަދެއްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ހިޔާ މަޝްރޫޢުގެ ދަށުން، ބައެއް ކުންފުނިތަކުން މިހާރު ވަނީ ޓަވަރުތަކުގެ އަމަލީ މަސައްކަތް ފަށާފައެވެ. "ހިޔާ" މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.