ޚަބަރު

މިމަހުގެ 10ގެ ކުރިން ރޯދަ އިނާޔަތް ލިބޭނެ - ފިނޭންސް


މި އަހަރުގެ ރޯދަ އިނާޔަތް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ. އެ މިނިސްޓްރީން ނެރެފައިވާ މާލިއްޔަތާއި ބެހޭ ސަރކިުލަރގައި ބުނެފއިވަނީ މި އަހަރުގެ ރަމަޝާން މަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދޭން ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީހަކީ 10 މޭ 2018 ( 24 ޝައުބާން 1439 ) ވާ ބުރާސްފަތިދުވަސް ކަމަށެވެ.

ވަޒީފާއާބެހޭ ޤާނޫނުގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާންމަސް ފެށުމުގެ ކުރިން ޢިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންވާނެކަމަށެވެ. ބިދޭސީ މުސްލިމު މުއައްޒަފުންނަށް ރަމަޟާންމަހުގެ ޢިނާޔަތްދިނުމުގެ އިޚުތިޔާރު ވަޒީފާ ދޭފަރާތަށް ލިބިގެންވާކަމަށްވެސް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީ ބުނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުންކަމަށެވެ. އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތް ނުދިނުމަށް އަންގާކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ސާރކިއުލަރގައިވެއެވެ. އަދި އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު ރަމަޝާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ ވަކިވި ދުވަހާއި ހަމައަށްވާ ފައިސާ ފިޔަވާ އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދާ އެ ފައިސާ ދައުލަތަށް ނަގަންވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ސާރކިއުލަރގައިވއެވެ.

ވަޒީފާ ދޭ ފަރާތްތަކުން ރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން މިއަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ދިނުމަށް ލޭބާރ ރިލޭޝަން އޮތޯރިޓީން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެ އޮތޯރިޓީން ބުނީ ވަޒީފާއާބެހޭ ޤާނޫނުގައި ވާގޮތުގެމަތިން ރަމަޟާންމަހުގެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާކަމަށާއި އަދި ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ އިނާޔަތް ދިންކަމުގައި ވީނަމަވެސް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެއިނާޔަތް ދެމުން ނުދާކަމަށެވެ. ރޯދައިގެ ޢިނާޔަތްދިނުމަކީ ވަޒީފާދޭ ފަރާތަށް ލާޒިމްކަމަކަށް ވީނަމަވެސް ޢިނާޔަތް ނުދީގެން ގިނަ މައްސަލަތަކެއް ހުށައަޅަމުން އަންނަކަމަށް ލޭބަރ ރިލޭޝްންސް އޮތޯރިޓީން ބުނެއެވެ.