ޚަބަރު

ފުލުހުންގެ މުއައްސަސާއަށް އޮންނަ އިތުބާރާއި ޔާޤީންކަން ދެމެހެއްޓުމަކީ ކޮންމެ ފުލުހެއްގެވެސް ވާޖިބެއް - އަޒްލީން


ރައްޔިތުންގެ މެދުގައި ފުލުހުންގެ މުއައްސަސާއަށް އޮންނަ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަކީ ކޮންމެ ފުލުހެއްގެ މައްޗަށްވެސް އޮތް ޤައުމީ ވާޖިބެއްކަމަށް ހޯމް މިނިސްޓަރ އަޒުލީން އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފުލުހުންގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް، އައިލްސްއިން ހިންގި 2 ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ފުލުހުންގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް، އައިލްސްއިން ހިންގި 2 ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ޤާނޫނު އަސާސީ ނެގެހެއްޓުމުގެ އެންމެ މުހިއްމު ޒިންމާ ކޮނޑުގައި އެޅިފައިވާ އެއް ފަރާތަކީ ފުލުހުންކަމަށެވެ. އަދި ޤައުމަށް ކަމެއް ދިމާވާ ކޮންމެ ދަނޑިވަޅެއްގައިވެސް އެ އިރެއްގައި އޮންނަ ސަރުކާރަކާއި، އާއްމު ފަރުދުން އެންމެ ބޮޑަށް ބަރޯސާވާ އެއް މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަމަށެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ، ފުލުހުން ވާންވާނީ ސިޔާސީ ހިޔާލު ތަފާތުވުންތަކުން އެއް ކިބާވެ، ޕްރޮފެޝަނަލް ކަމާއެކު މަސައްކަތް ކުރަންތިބޭ ބަޔަކަށްކަމަށެވެ. އަދި ފުލުހުންގެ ޔުނިފޯރމްގެ އަގު ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެވެސް އަމިއްލަ ވާޖިބެއްކަމަށާއި، އެނޫންގޮތަކުން ރައްޔިތުންގެ މެދުގައި ފުލުހުންނަށް އޮންނަ އިތުބާރާއި ޔަޤީންކަން އިތުރު ނުކުރެވޭނެކަމަށެވެ.

ކޮންމެ ފުލުހަކީވެސް ޤައުމުގެ މަސްލަޙަތު އިސްކޮށް، ކޮންމެ ކަމަކަށްވެސް ކެރިގެން ކުރިމަތިލާން ކެރޭ ހިތްވަރު ގަދަ ބަޔަކަށްވުމަށް ހޯމް މިނިސްޓަރ އަޒްލީން ވަނީ ހުރިހާ ފުލުހުންނަށް ގޮވާލައްވާފައެވެ. މި ރަސްމިއްޔާތުގައި ވަނީ އައިލްސްއިން ކުރިއަށްގެންދިޔަ ބެޗްލާސް އޮފް ސައިންސް އިން ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓަޑީޒްގެ 3 ވަނަ ބެޗް ފުރިހަމަ ކުރި 40 ދަރިވަރަކަށާއި، ޑިޕްލޮމާ އިން ޕޮލިސިންގ ކޯހުގެ ދެވަނަ ބެޗް ފުރިހަމަ ކުރި 23 ދަރިވަރަކު ހިމެނޭހެން ޖުމްލަ 63 ދަރިވަރުންނަށް ދަސްވެނިވިކަމުގެ ލިޔުން ޙަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލްސްގެ ވައިސް ރެކްޓަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދު ވިދާޅުވީ އެ އިންސްޓިޓިއުޓުން ކިޔަވައިގެން ނިކުންނަށް ދަސްވެނިން މިހާރު ރާއްޖޭގައި އުފެދިފައިވާ ސަލާމަތީ ޚިދުމަތްތަކާއި، ޤާނޫނު ތަންފީޒްކުރާ އިދާރާތަކާއި، ޕްރައިވެޓް ސެކިއުރިޓީ ފާރމްތައް ހިންގުމުގެ އިސްސަފުގައި މަސައްކަތް ކުރަމުންދާކަމަށާއި، މިއީ ފަޙުރުވެރިވުން ހައްޤުކަމެއްކަމަށެވެ. އަދި އަމާޒަކީ ލޯ އެންފޯސްމަންޓް ދާއިރާ ޒިންމާދާރުކޮށް، ޕްރައިވެޓް ސެކިއުރިޓީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ރާއްޖެ މިދެކޭ ތަރައްޤީއާއި ކުރިއެރުމުގައި ޒުވާނުންގެ ދައުރު މިދާއިރާތަކުގައި ފުޅާކުރުންކަމުގައި ޢަބްދުﷲ އަޙްމަދު ވިދާޅުވިއެވެ.

އައިލްސްގެ ކުރު ތާރީޙަށް ބަލާއިރު 2013 ވަނަ އަހަރުން ފެށިގެން މި ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޑިޕްލޮމާ ލެވެލްގެ 6 ބެޗް، އެސޯސިއޭޝަން ޑިގްރީ ލެވެލްގެ 3 ބެޗް، އަދި ޑިގްރީ ލެވެލްގެ 3 ބެޗް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މިހާތަނަށް ހިންގި ޕްރޮގްރާމްތަކާއި، ބެޗްތަކުން ޖުމްލަ 516 ދަރިވަރުން ދަސްވެނިވެފައިވެއެވެ. މީގެ ތެރޭގައި ފުލުހުންގެ 374 ދަރިވަރުންނާއި، ތަންފީޒީ އިދާރާތަކާއި، އާއްމުން ހިމެނޭގޮތަށް 142 ދަރިވަރަކު ހިމެނެއެވެ. އައިލްސްއިން ފުލުހުންނަށާއި، ރާއްޖޭގައި ލޯ އެންފޯސްމަންޓް ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ކޯސްތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.