ޚަބަރު

12 ކުންފުންޏާއިއެކު 3 ވަނަ އެފްއެންޑްބީ ޝޯ ފަށައިފި


ބާރަ ކުންފުންޏާއިއެކު 3 ވަނަ ފުޑް އެންޑް ބެވަރޭޖް ޝޯ ފަށައިފިއެވެ. މިއީ ހައިރައިޒުން އިންތިޒާމްކޮށްގެން ކާބޯތަކެއްޗަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެބޮޑު އެއް ޝޯއެވެ.

ތިން ވަނަ އެފްއެންޑްބީ ޝޯ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާގެ ނާއިބުރައީސް އިސްމާޢީލް އާސިފް ވިދާޅުވީ، ރާއްޖޭގައި މިހާރު ވިޔަފާއިއާއި އެނޫންވެސް އިވެންޓްތައް ވަރަށް ގިނަކަމަށާ، މިއިން ހާމަވެގެންދަނީ ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަންކަމުގައެވެ.

މިމަހު އެކަނިވެސް މިފަދަ 5 އިވެންޓް ކުރިއަށްދިޔަކަން އާސިފް ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިއަހަރުގެ ނައިޓްމާކެޓް ބާއްވާނެކަން އާސިފްވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް ނައިޓް މާކެޓް ބާއްވާނެ ތާރީޚު ފަހުން އިޢުލާންކުރައްވާނެކަމަށް އާސިފް ވިދާޅުވިއެވެ.

"މިމަހު އެކަނިވެސް އަޅުގަނޑުމެން ތެރޭގައި 5 ވަރަކަށް އިވެންޓް ހިނގައްޖެ އެކިއެކި ކަންކަމާ ގުޅިގެން. އޭގެމާނައަކީ ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތައް ވަރަށް ބާރަށް އެބަ ކުރިއަށްދެޔޭ. ވިޔަފާރީގެ ދާއިރާގަޔާއި އަދި އެހެންނޫންވެސް ދާއިރާގަ ރާއްޖޭގަ ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާވެގެންނޭ މިދަނީ."

އިސްމާޢީލް އާސިފް ވިދާޅުވިއެވެ.

އެފްއެންޑްބީ ޝޯއާ ބެހޭގޮތުން މަޢުލޫމާތުދެއްވަމުން ހައިރައިޒްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޝާމިން ޢަލީ ވިދާޅުވީ، މި ޝޯގެ ބޭނުމަކީ އެފްއެންޑްބީ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކަށް އެމީހުންގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް އިސްތިހާރުކޮށް މާކެޓް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ. އަދި ރަމަޟާންމަސް ކައިރިވެފައިވާއިރު، މިޝޯގެ އެހީގައި ރަމަޟާންމަހަށް ޚާއްސަކޮށްގެން ކުންފުނިތަކުން އަލަށް ބާޒާރަށް ނެރޭ ޕްރޮޑަކްޓްތަކާބެހޭ މަޢުލޫމާތު އާންމުންނާ ޙިއްސާކުރާނެކަން ޝާމިން ފާހަގަކުރެއްވިއެވެ.

"އެފްއެންޑްބީ ޝޯގެ މައިގަނޑު މަޤްސަދަކީ ކުރިއަށްމިއޮތީ ރަމަޟާންމަސް، ރަމަޟާންމަހާ ދިމާކޮށް ވަރަށްގިނަ ބޭފުޅުން ލޯންޗްކުރަން ބޭނުންވާ އެފްއެންޑްބީ ރިލޭޓެޑް ޙާއްސަ ފްރޮޑަކްސްޓްތަކާއި، ބްރޭންޑްތަކާއި، ޕްރޮމޯޝަންތައް އެބަހިނގާ. އެހެންކަމުން އެހުރިހާ ފަރާތްތަކަށް އެ ފުރުސަތު އެއް ޕްލޭޓްފޯމްއެއްގައި ދިނުމުގެ ގޮތުން އެފްއެންޑްބީ ޝޯ ރާވާ މި ހިންގެނީ."

މުޙައްމަދު ޝާމިން އަލީ ވިދާޅުވިއެވެ.

މިއަހަރުގެ އެފްއެންޑްބީ ޝޯގެ މެއިން ސްޕޮންސަރަކީ ސަނީ އެންޓަޕްރައިސަސް، ކޯ ސްޕޮންސަރުންނަކީ އެސްޓްރަބޯން އަދި މޯލްޑިވް ގޭހެވެ. މިއަހަރުގެ އެފްއެންޑްބީ ޝޯ ކުރިއަށްދާނީ މި މަހުގެ 3 އިން 5 އަށް ނޭޝަނަލް އާރޓް ގެލަރީގައެވެ. ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއިންވަނީ މިއަހަރުގެ އެފްއެންޑްބީ ޝޯ އެންޑޯޒް ކޮށްފައެވެ.