ޚަބަރު

ޓީޓީއެމް ވިޔަފާރި ބައްދަލުވުންތަކުގެ ފަހުދުވަސް ފެންނަނީ ވަރަށް ބާރުބޮޑުކޮށް


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް އެންޑް ޓޫރިޒަމް ފެއަރ ޓީޓީއެމް ގެ ވިޔަފާރި ބައްދަލުވުންތަކުގެ ފަހުދުވަސް ފެންނަނީ ވަރަށް ބާރުބޮޑުކޮށެވެ. 3 ދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ކުރިއަށްދާ މި ބައްދަލުވުންތަކަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށްވެސް ބޮޑު ކުރިއެރުންތަކެއް ގެނުވާނެ ބައްދަލުވުންތަކެކެވެ.

ޓްރެވެލް ޓްރޭޑް މޯލްޑިވްސް ނުވަތަ ޓީޓީއެމް ފެއަރއަކީ ރާއްޖޭގެ ޕީއާރު އަދި މާކެޓިންގް ކުންފުނި މޯލްޑިވްސް ގެޓްއަވޭސްއިން އިންތިޒާމުކޮށްގެން ބާއްވަމުންއަންނަ ފެއަރއެކެވެ. މިއަހަރުގެ ޓީޓީއެމް ފެއަރގައި 4 އިވެންޓެއް ކުރިއަށްދާއިރު އެންމެ މުޙިންމު އެއް އިވެންޓަކީ 3 ދުވަހުގެ މުއްދަތަކަށް ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ކުރިއަށްދާ ވިޔަފާރި ބައްދަލުވުންތަކެވެ.
ޓީޓީއެމްގެ ވިޔަފާރި ބައްދަލުވުންތަކާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ގެޓަވޭސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ފުރާތު މުޙައްމަދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ބައްދަލުވުންތަކެއްކަމަށެވެ. މިދިޔަ އަހަރު މި ބައްދަލުވުންތަކަށް 150 ފަރާތުން ޒިޔާރަތްކުރިއިރު މިއަހަރުގެ ފުރަތަމަ 2 ދުވަހުވެސް މި އަދަދު ދެ ގުނައަށް އިތުވެގެން ގޮސްފައެވެ. 100 އަށްވުރެ ގިނަ އެގްޒިބިޓަރުން މި ބައްދަލުވުންތަކުގައި ބައިވެރިވިއިރު ބޭރުގެ 220 އެޖެންޓުން ބައިވެރިވެ 4000 ވުރެ ގިނަ ބައްދަލުވުތައް ކުރިއަށް ގެންގޮސްފައިވާކަންވެސް ފްރާތު ފާހަގަކުރެއްވިއެވެ. ޓީޓީއެމް 2019 މިހާރު ލޯންޗްކޮށްފައިވާއިރު މިއަހަރުގެ ފެއަރއިން ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި އަންނަ އަހަރުގެ ފެއަރ ރަނގަޅުކުރާނެކަމަށް ފުރާތު ވިދާޅުވިއެވެ.

"އިއްޔެގެ ކައުންޓައް އަޅުގަނޑުމެން ބަލާއިރު، 370 އެޖެންޓުންވަނީ ވިޒިޓް ކޮށްފަ. މިދިޔަ އަހަރު އަޅުގަނޑުމެންނަށް މެކްސިމަމް ލިބުނީ 150. އެހެންވީމަ ޑަބަލްއަށްވުރެވެސް އިތުރުވެގެން މިދިޔައީ. އަޅުގަނޑުމެން ބަލަނީ އަޅުގަނޑުމެންނަށް ކުރެވުނު މިދިޔަ 8 މަސްދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ޓްރެވެލް ކުރެވުނު ފެއަރތަކާއި ބަލާފަ ވަރަށް ބޮޑު ކުރިއެރުމެއް. 4،000 މީޓިންގއަކީ މި ރީޖަންގަވެސް އަދި އިންޓަނޭޝަނަލް ޓްރެވެލް ޓްރޭޑް ޝޯއަކަށް ބަލާއިރުވެސް ވަރަށްބޮޑު އަދަދެއް." ފުރާތު މުޙައްމަދު ވިދާޅުވިއެވެ.

މިއަހަރުގެ ފެއަރގައި ބައިވެރިވި ބައެއް ކުންފުނިތަކުންވެސް ބުނީ މިއީ ވަރަށް ކާމިޔާބު ބައްދަލުވުންތަކެއްކަމަށެވެ. އަދި ރާއްޖޭގައި މިފަދަ ބައްދަލުވުންތައް ކުރިއަށްދިއުމަކީ ބައިވެރިންނަށްވެސް ލިބިގެންދާ އިތުރު ފަސޭހައެއްކަމަށަށާއި މާކެޓްކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދިޔަކަމަށެވެ.

ޓީޓީއެމް ފެއަރއަށް މި އަހަރު މުލިން އަލަށް ސަޕްލަޔާސް އެކްސްޕޯގެ ނަމުގައި ބައެއް ވަނީ ތައާރަފުކޮށްފައެވެ. މި އެކްސްޕޯގައި ބައިވެރިވާ ބައިވެރިން ރާއްޖޭގެ ރިސޯޓްތަކުގެ މެނޭޖްމަންޓް ގައި މަސައްކަތްކުރާ 5 ފަރާތަކާއި ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ. މީގެތެރޭގައި މިހާރު ހުޅުވިފައި ހުރި އަދި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓްތައްވެސް ހިމެނެއެވެ. ސަޕްލަޔާސް އެކްސްޕޯގައި ރާއްޖެ އާއި އަދި ރާއްޖެއިން ބޭރުގެ 23 ކުންފުންޏަކުން ބައިވެރިވާއިރު މިއީ ރިސޯޓްތަކަށާއި ސަޕްލަޔަރުންނަށްވެސް ލިބިގެންދާ ރަނުގެ ފުރުސަތެއްކަށް މޯލްޑިވްސް ގެޓަވޭސްއިން ފާހަގަކުރެއެވެ. ސަޕްލަޔަރ އެކްސްޕޯ އޮންނާނީ ހުކުރު އަދ ހޮނިހިރު ދުވަހު ދަރުބާރުގޭގައެވެ. މިއީ ޓީޓީއެމް ފެއަރ ބާއްވާ 2 ވަނަ އަހަރެވެ. މި އަހަރުގެ ފެއަރ އެޕްރީލް މަހުގެ 30 އިން މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.