ޚަބަރު

އޯ.އައި.ސީގެ 45 ވަނަ މިނިސްޓަރުންގެ ބައްދަލުވުމަށް ޑރ އާސިމް ބަންގްލަދޭޝްއަށް


އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯރޕަރޭޝަން، އޯ.އައި.ސީގެ 45 ވަނަ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ބަންގްލަދޭޝްއަށް ފުރާވަޑައިގެންފިއެވެ. އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ކައުންސިލްގެ 45 ވަނަ ބައްދަލުވުން އޮންނާނީ މިމަހުގެ 5 އިން 6 އަކަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

މިއަހަރުގެ ބައްދަލުވުމަށް އޯ.އައި.ސީން ކަނޑައަޅާފައިވާ ޝީއާރަކީ "އިސްލާމިކް ވެލިއުޒް ފޯ ސަސްޓައިނަބަލް ޕީސް، ސޮލިޑޭރަޓީ އެންޑް ޑިވެލޮޕްމަންޓް" ނުވަތަ ސުލްހަ މަސަލަސްކަން ޤާއިމުކުރުމާއި، ތަރައްޤީ ގެނެއުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލްތައް ދެމެހެއްޓުމުގެ މުހިއްމުކަމެވެ. މިފަހަރުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ތަޤްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި މެންބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުނަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކާއި، މުސްލިމުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހިމެނެއެވެ. ހަމައެހެންމެ ބައިނަލް އަޤްވާމީ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ތަފާތު ކަންކަމުގެ އިތުރުން، އިސްލާމްދީނާއި ދެކޮޅަށް ނުވަތަ އިސްލާމްދީން ފޮހެލުމަށް ކުރަމުންދާ މަސައްކަތްތަކާއި، ދީނީގޮތުން ހައްދުފަހަނަ އަޅާދިޔުމާއި، ކައުންޓަރ ޓެރަރިޒަމްގެ އިތުރުން އިންސާނިއްޔަތާއި ދެކޮޅަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާ ޖަރިމާތަކާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މެންބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާ ކުރާނެއެވެ.

އޯ.އައި.ސީއަކީ މުސްލިމް އުއްމަތަށް ދިމާވެފައިވާ ތަފާތު މައްސަލަތަކާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، މުސްލިމް ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްޞަދުގައި 1969 ވަނަ އަހަރު އުފެދުނު ޖަމިއްޔާއެކެވެ. އެޖަމިއްޔާގެ މެންބަރަކަށް ދިވެހިރާއްޖެއިން ވެފައިވަނީ 26 ޖުލައި 1976 ގައެވެ. އޯ.އައި.ސީގެ ތަފާތު ސަމިޓްތަކާއި، އެކްސްޓްރާ ސަމިޓްތަކުގެ އިތުރުން، ފޮރިން މިނިސްޓަރުން ބައްދަލުވުންތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް އަންނަނީ ބައިވެރިވަމުންނެވެ.