ޚަބަރު

"އައްނޫރުލް މުބީން" ޤުރުއާން މުބާރާތުގެ އޮޑިޝަން ފަށައިފި


ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތުގައި ރާއްޖެ ތަމުސީލުކުރާނެ ބައިވެރިއަކު ހޯދަން ބާއްވާ އޮޑިޝަން ފަށައިފިއެވެ. މުބާރާތުގެ އޮޑިޝަން ކުރިއަށްދާނީ މިއަދާ މާދަމާގެ ނިޔަލަށެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ދަނފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނާއި ރޭގަނޑު މުބާރާތުގެ އޮޑިޝަން ކުރިއަށްދާނެ ކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނެއެވެ. އޮޑިޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ. މި މުބާރާތުގެ އޮޑިޝަންގައި ރައްޖޭގެ އެކި ސަރަޙައްދުތަކުން 33 މީހުން ބައިވެރިވެފައިވެއެވެ.

"އައްނޫރުލް މުބީން"ގެ ނަމުގައި ބާއްވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތަކީ ރަޢީސުލްޖުމްހޫރިއްޔާ ޢަބްދުއްﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ބާއްވާ މުބާރާތެކެވެ. މިމުބާރާތުގައި ރާއްޖެ ހިމެނޭހެން 11 ޤައުމަކުން ބައިވެރިވާނެއެވެ. އޭގެތެރޭގައި އިންޑޮނޭޝިއާއި ސްރީލަންކާއާއި ޔޫއޭއީއާއި ތުރުކީވިލާތާއި މިސްރާއި ޕާކިސްތާނާއި މެލޭޝިއާއާއި ސަޢުދީއަރަބިއްޔާއާއި ސޫދާނާއި ބަންގްލަދޭޝް ހިމެނެއެވެ. މުބާރާތުގައި ބައިވެރިވާނީ މިއިން ކޮންމެ ޤައުމަކުންވެސް އެއް ފަރާތެވެ. ނޫރުލް މުބީން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13ން 17 ގެ ނިޔަލަށެވެ.

އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާއަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ދިވެހި ދެބޭފުޅަކާއި، ޕާކިސްތާނާއި ސޫދާނުގެ ވަރަށް އިލްމުވެރި ޤާބިލު ދެބޭފެޅަކު އިންސާފުކޮށްދެއްވާނެއެވެ މީގެ އިތުރުން ތުރިކީ އާއި މިސްރުންވެސް މުބާރާތަށް ފަނޑިޔާރުން ގެނައުމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މުބާރާތުން އެއްވަނައަށްދާ ފާރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި ދިވެހި ދައުލަތުން 30 ހާސް ޑޮލަރު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް 15 ހާސް ޑޮލަރު، ތިންވަނައަށް 5 ހާސް ޑޮލަރު ލިބޭނެއެވެ. މިމުބާރާތައް "އައް ނޫރުލް މުބީން" މިމުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާއި އަންނަ ރަމަޟާން މަހުގެ ދެވަނަދުވަހުގެ ރޭކަމަށާއި، އެރޭ އޮންނަ އިހްޔާ ފޯރަމާއެކު މުބާރާތުގެ ނަތީޖާ ފާޅުކުރުން ކުލަގަދަކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތް އިންތިޒާމް ކުރަނީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒާއި ޕީއެސްއެމް ގުޅިގެންނެވެ.