ކުޅިވަރު

ފާޑުކިއުންތަކަށް ރާމޯސް: އަހަރެމެން ވާހަކަ ދައްކާނީ ދަނޑުމަތިން


ރެއާލް މެޑްރިޑަށް ފާޑުކިޔާ ފަރާތްތަކަށް ޖަވާބުދޭނީ ދަނޑުމަތިން ކަމަށް ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.
އޭނާ މިހެން ބުނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލަށް ރެއާލް މެޑްރިޑް ދިޔަ ނަމަވެސް ޓީމުން ގިނަ މިސްޓޭކްތަކެއް ހަދާ ކަމަށާއި، ރެއާލް ފައިނަލަށް ދިޔައީ ނަސީބަކުން ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެމުންނެވެ.

"އަހަރުމެންނާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދައްކާ. އެކަމަކު އަހަރުމެން މިތިބީ ފައިނަލްގައި. މިހާރު އަހަރުމެން ކުރަންވީ ކަމަކީ ފައިނަލް މެޗު ކާމިޔާބު ކުރުން. އަހަރުމެން ވާހަކަ ދައްކާނީ ދަނޑުމަތިން،" ރާމޯސް ބުންޏެވެ.

އޭނާ ބުނީ ރެއާލްގެ މިހާރުގެ ޓީމާމެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށާއި، ފައިނަލްގައި ރެއާލް ކުޅެން ހައްޤު ކަމަށެވެ.
މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނީ އިއްޔެރޭ ސެމީ ފައިނަލްގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅެ 2-2 ން އެއްވަރުވެ، 4-3ގެ އެގްރިގޭޓުން ރެއާލް ފައިނަލަށް ދިއުމުން ދެން މީހަކު ބުނާނެ މާގިނަ ވާހަކަތަކެއް ނެތް ކަމަށެވެ.

"ތެދެއް. އެދެ ލެގުގައި ވެސް އެމީހުން (ބަޔާން) ވަރަށް ރަނގަޅު ފުޓްބޯޅައެއް ކުޅުނު. އެކަމކު އަހަރުމެން ވަނީ ނަތީޖާ ހާސިލްކޮށްފައި. ފުޓްބޯޅައިގައި ކުޅުމާ އެއްވަރަށް ނަތީޖާ އަކީ ވެސް ވަރަށް މުހިންމު ކަމެއް. ގިނަ ފަހަރު މޮޅު ޓީމަކަށްވާނީ ނަތީޖާ ނެރޭ ޓީމު. ރީތި މޮޅު ކުޅުމެއް ކުޅޭ ޓީމެއްނޫން،" ޖަރުމަނުގެ މިޑްފީލްޑަރު ކްރޫސް ބުންޏެވެ.