ޚަބަރު

"ނުވާނެ" ވިސްނުން ބަދަލު ކޮށްދެއްވީ ރައީސް ޔާމީން - މިނިސްޓަރ ސަޢީދު


ރާއްޖެ ފަޤީރުވެފައި ވަސީލަތްތައް މަދުކަމުން ކަންކަން ނުވާނެކަމަށްބުނާ ސިޔާސީ ވިސްނުން ބަދަލުކޮށްލީ ރައީސްޔާމީންކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މާމިގިލީގައި ޤާއިމްކޮށްފައިވާ ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ދިވެހިރައްޔިތުންނަށް ޙައްޤު މިންވަރާ ގާތަށްވެސް، ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ވެރިންނަށް ރާއްޖެ ތަރައްޤީ ކޮށްދެވިފައި ނުވާކަމަށެވެ. ކުރިން ވެރިކަން ކުރެއްވި ފަރާތްތަކުން ދިވެހި ރައްޔިތުންނަށް ވިސްނައިދީފައި އޮތީ، ރާއްޖެއަކީ ވަސީލަތްތައް ވަރަށް މަދު ފަޤީރު ޤައުމެއް ކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ކުޑަ، ފަޤީރު ޤައުމަކަށް ވުމާއެކު، ރާއްޖެއިން ކަންކަން ކުރަންޖެހޭނީ ބޭރުގެ ފަރާތްތަކުން ބޭނުންވާގޮތަށް ކަމަށް ކުރީގެ ސަރުކާރުތަކުން ވިސްނައިދީފައި އޮތްކަމަށެވެ.

އެހެންނަމަވެސް ދިވެހިރާއްޖެ އަކީ ވަސީލަތްތައް ގިނަ ޤައުމެއްކަމަށާއި، ދިވެހި ރައްޔިތުންނަކީވެސް ތަރައްޤީގައި ވަކި ފަހަތުގައި ތިބެންޖެހޭ ބައެއް ނޫންކަމުގެ ވިސްނުން ދިވެހިރައްޔިތުންގެ މެދުގައި އާލާކޮށްދެއްވީ ރައީސް ޔާމީންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އޮތީ ދުނިޔޭގެ އިޤްތިޞާދުގެ މައި ދޮރާއްޓެއްގައި ކަމަށާއި، އެކަމުގެ ފައިދާ ދިވެހިރައްޔިތުންނަށް ހޯދައިދިނުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައި ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"
"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށް ދުވާލަކު އެތައް މިލިއަން ފީފާއެއްގެ ތެޔޮ ދުނިޔޭގެ އެއްބިތުން އަނެއް ބިތައް އުފުލާ. އަހަރެއްގެ މައްޗަށް 1 ޓްރިލިއަން ފީފާ ތެޔޮ ރާއްޖޭގެ ކަނޑުއޮޅިތައް ހުރަސްކޮށް އުފުލާ. މިކަމުންވެސް ދޭހަކޮށްދެނީ ރާއްޖެއަށް ފަހިވެފައިހުރި އިޤްތިޞާދީ ފުރުޞަތުތައް"
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު

ހަމައެކަނި ފަތުރުވެރިކަމުން ލިބޭ ޢާމްދަނީއަށް މުޅި ރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައި އޮތުމުގެ ބަދަލުގައި، އެހެން ސިނާޢަތްތައް ކުރިއަރުވައި ދައުލަތަށް ލިބޭ ޢާންމްދަނީ އިތުރުކުރުމަށް އެހެން ސަރުކާރުތަކުން މަސައްކަތް ކޮށްފައިނުވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއިން "ނުވާނެ" ވިސްނުން ނައްތާލެއްވީ ރައީސް ޔާމީން ކަމަށާއި، ރައީސް ޔާމީންގެ ފުރަތަމަ ދައުރުގައި ގެނެސްދެއްވި ތަރައްޤީއަށް ކުރިއަށްއޮތް 5 އަހަރުވެސް ފުރުޞަތު ދެއްވަން ޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. އިދިކޮޅު ލީޑަރެއްކަމަށްވާ ޤާސިމް އިބްރާހީމްގެ އުފަން ރަށުގެ ރައްޔިތުންނަށް މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ، ސިޔާސީ ފިކުރާއި ވަކި ފަރާތަކަށް ކުރާ ލޯބި އެއްފަރާތް ކުރުމަށްފަހު ޤައުމީ ވިސްނުމުގައި މާމިގިލީ ރައްޔިތުންވެސް ރައީސް ޔާމީނަށް ތާއީދު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ދިވެހިރައްޔިތުންނަށް ޙައްޤު ތަރައްޤީ ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެންވާނެކަމަށެވެ.