ކުޅިވަރު

އަބަހާނީ ކޯޗުގެ ސިކުނޑީގައި އަޝްފާޤާއި، ފާސިރުގެ ނަން


ނިއުއަކީ ގްރޫޕްގެ އެންމެ މޮޅު އެއް ޓީމް ކަމަށާއި، މެޗަށް އަބަހާނީ ނުކުންނާނީ އެއްވެސް ޕްރެޝަރެއް ނެތި ކަމަށް އަބަހާނީގެ ކޯޗް ސައިފުލް ބާރީ ޓީޓޯ ބުނެފިއެވެ.

އޭއެފްސީ ކަޕް ގައި ރާއްޖޭގެ ނިއުރޭޑިއެންޓާ ދެކޮޅަށް މިއަދު ހަވީރު ނިކުންނަ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ޓީޓޯ ބުނީ ބަލިވި މެޗުތަކާއި ގެއްލުނު ޕޮއިންޓްތަކުގެ ސަބަބުން ގްރޫޕްގައި އެޓީމް އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށާއި، އިތުރަށް އެޓީމަށް ގެއްލޭނެ އެއްޗެއް ނެތް ކަމަށެވެ. މިހާރުގެ މަޤުސަދަކީ މެޗުން މޮޅުވެ، އަބަހާނީ އަކީ ގްރޫޕްގެ އެންމެ ދެރަ ޓީމް ނޫންކަން ސާބިތުކޮށްދިނުން ކަމަށްވެސް ޓީޓޯ ބުންޏެވެ.
ކެޕްޓަން އަލީ އަޝްފާގާއި ފާސިރުގެ އިތުރުން ނިއުގެ ބޭރު ކުޅުންތެރިޔާ ކަންޑޭލާއަށްވެސް ޓީޓޯ ވަނީ ތައުރީފު ކޮށްފައެވެ.

" އަޝްފާގާއެކު ކޮންމެ ވަގުތަކު ކޮންމެ ގޮތެއްވެސް ވުން އެކަށީގެންވޭ، އަލީ ފާސިރުވެސް، އެކުޅުންތެރިންނަކީ ވިސްނުންތޫނު މޮޅު ކުޅުންތެރިން. ނިއުރޭޑިއެންޓްގެ ދަނޑުގަ ވީމަ ވަރަށް އުނދަގުވާނެ އަހަރުމެން ބޭނުން ގޮތަށް ކަންތައް ކުރަން، އަހަރެމެންނަށް ނެތް އެއްވެސް ޕްރެޝަރެއް، އެކަމަކު އަހަރެމެން އެބަޖެހޭ ކަމެއް ސާބިތު ކޮށްދޭން. އެއީ އަހަރުމެންނަކީ މިގްރޫޕުން އެންމެ ދެރަ ޓީމް ނޫންކަން" ކޯޗު ބުންޏެވެ.

ހަތަރު ޕޮއިންޓާއެކު އަބަހާނީ ތާވަލްގެ ތިންވަނައިގައި އޮތްއިރު ނިއު އޮތީ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނާގައެވެ. ބެންގަލޫރު އެފްސީއަށްވެސް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.