ޚަބަރު

ސިވިލް ސާރވިސްއަށް 10 އަހަރުފުރުން ހިންމަފުށީގައި ފާހަގަކޮށްފި


ދިވެހި ސިވިލް ސާރވިސްއަށް ދިހަ އަހަރުފުރުން މާލެ އަތޮޅު ހިންމަފުށީގައި ފާހަގަކޮށްފިއެވެ. ސިވިލް ސާރވިސް ދުވަސް ފާހަގަކުރުމަށް ހިންގި ޙަރަކާތްތަކުގައި ގިނަ ޢަދަދެއްގެ ސިވިލް ސާރވިސް މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ދިވެހި ސިވިލް ސަރވިސްއަށް 10 އަހަރު ފުރުމާއި، ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ގިނަ ޙަރަކާތްތަކެއް މާލެއަތޮޅު ހިންމަފުށީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއްދުވަހުގެ މިހަރަކާތްތަކުގެ ތެރެއިން ހޯމަދުވަހުގެ ރޭ ވަނީ " ޓެލެންޓް ޝޯ"ގެ ނަމުގައި މިއުޒިކީ ޝޯވއެއް ބާއްވާފައެވެ. މި ޝޯވ ބާއްވާފައިވަނީ ހިންމަފުށީގައި ހުންނަ ސަރުކާރުގެ އިދާރާތަކާއި މާލޭގެ ބައެއް މުއައްސަސާތައް ގުޅިގެންނެވެ. މި ޝޯވގައިވަނީ، ނެޝަނަލް ސެންޓަރ ފޯދިއާރޓްސްގެ ފަރާތުން ހިތްގައިމު ހުށައެޅުންތަކެއް ހުށައަޅާފައެވެ. ކުރީގެ މަޝްހޫރު ގިނަ ލަވަތަކެއް ފަންނާނުންވަނީ ހުށައަޅަދީފައެވެ. އަދި ހިންމަފުށީގައި ހުންނަ ސަރުކާރުގެ އިދާރާތަކުންވަނީ ތަމްސީލްތައްވެސް ހުށައަޅާދީފައެވެ.

ސިވިލް ސާރވިސްގެ އަހަރީދުވަހާ ގުޅިގެން ވަނީ ހިންމަފުށީގެ ހިއްކި ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. ސަރުކާރުގެ އޮފީސްތަކުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވި މި ޙަރަކާތުގެ ދަށުން ތިންސަތޭކައަށްވުރެ ގިނަ ގަސް އިންދުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ސިވިލް ސާރވިސްގެ އަންހެން އަދި ފިރިހެން ޓީމާއި، ހިންމަފުށީގެ އަންހެން ޓީމާއި، ފިރިހެން ޓީމުގެ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތަކެއް ވަނީ ކުޅެފައެވެ.
އެއަށްފަހު ވާދެމުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެވެ. އަންހެން ޓީމުތަކާއި ފިރެހެން ޓީމުތަކުގެ މެޗުތައް ވަކިވަކީން ކުރިޔަށްގެންގޮސްފައިވާއިރު ކޮމިޝަނުގެ ދެ ޓީމާ ބައްދަލުކޮށް ކުރި ހޯދީ ހިންމަފުށީގެ ޓީމުތަކެވެ.

ވާދެމުމުގެ ހަރަކާތްތަކަށްފަހު ސިވިލް ސަރވިސްގެ ޤަވާޢިދަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ސިވިލް ސަރވިސްގެ ޤަވާޢިދުގެ ކުއިޒް މުބާރާތެއް ކުރިޔަށް ގެންގޮސްފައިވެއެވެ.

ސިވިލް ސަރވިސްއަށް 10 އަހަރު ފުރުމުގެ މުނާޞަބަތާއި ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުމުގެ މުނާޞަބާ ކުލަގަދަކޮށް ފާހަގަކުރުމަށް މާލޭގެ ބައެއް އިދާރާތަކާ ގުޅިގެން ހިންމަފުށީގައި ކުރިޔަށްގެންދިޔަ މިހަރަކާތްތައް ނިންމާލާފައި ވަނީ ހިންމަފުށީގައި ބޭއްވި ޑިނަރ ނައިޓަކުންނެވެ. މި ޑިނަރ ނައިޓުގައި ޝަރަފްވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ އާމިނަތު ޒެނީޝާ ޝަހީދު ޒަކީއެވެ.

މި ޑިނަރ ނައިޓްގައިވަނީ ސިވިލްސާރވިސް ދުވަސް ފާހަގކުރުމަށް ހިންގި ހަރަކާތްތަކުން ވަނަވަނަ އަށް އައި ޓީމްތަކަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލުކޮށްފައެވެ. މި ޙަފްލާގައި ވާހަކަ ދައްކަވަމުން ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމް ދެއްކެވި ވާހަކަފުޅުގައިވަނީ ސިވިލް ސަރވިސް ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި ރައްޔިތުންގެ އެއްބައިވަންތަކަން ފާހަގަކުރައްވާފައެވެ.
ހިންމަފުށީ ކައުންސިލުންވެސް ވަނީ ސިވިލް ސާރވިސް މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރު ދީފައެވެ.

ދިވެހި ސިވިލް ސަރވިސް އަށް 10 އަހަރު ފުރުމާއި، ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގައި ހިންމަފުށީގެ ސަރުކާރުގެ ހުރިހާ އިދާރާއަކުން ވަނީ ބައިވެރިވެފައެވެ. ސިވިލް ސާރވިސްގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ އެއްވަނަ ދުވަހެވެ.