ޚަބަރު

ޒަކާތާއި ވަގުފު ފަންޑުގެ ނިޒާމް ހަރުދަނާކުރުމަށް ފަންނީ އެހީދެނީ





 


ޒަކާތާއި ވަގުފު ފަންޑުގެ ނިޒާމް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށް އިސްލާމިކް ރިސާޗު އެންޑް ޓްރޭނިން އިންސްޓިއުޓް (އައި.އާރު.ޓީ.އައި) ން ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


 
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް މިހާރު ޖިއްދާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އިސްލާމިކް ރިސާޗު އެންޑް ޓްރޭނިން އިންސްޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް އާއި ބައްދަލްކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ޒަކާތް ނެގުމުގެ ކަންތައްތަކާއި އަދި ވަގުފް ފަންޑުގެ ނިޒާމް  ބަލަހައްޓަމުން އަންނަ ގޮތް މުރާޖަޢާކޮށް އެކަމަށް އިސްލާހީ ބަދަލުތައް ގެނައުމަށް އެ އިންސްޓިޓިއުޓުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


 
 


އިސްލާމިކް ރިސާޗު އެންޑް ޓްރޭނިން އިންސްޓިއުޓް އަކީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ ގޮތްޕެކެވެ. މީގެ އިތުރުން މިދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރވަނީ އިސްލާމިކް ކޯޕްރޭޝަން ފޮރ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ)ގެ ސީ.އީ.އޯ އާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ހައްޖު ކޯޕްރޭޝަން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ. އަދި އައި.ސީ.ޑީގެ ވިޔަފާރި ރާއްޖޭގައި ފުޅާކުރުމާއި ދައުލަތުގެ ބަޖެޓް ސަޕޯޓަށް ބޭނުންވާ ފައިނޭންސް ހޯދުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ. މީގެ އިތުރުން ހައިރާ ފައުންޑޭޝަނުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދޭ 1 ޓަނުގައި ކަނދުރު އަދި ތަޢުލީމީ ފޮތްތަކެއް މިހާރު ރާއްޖެ ގެނެސްފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.