ޚަބަރު

ޓީޓީއެމް ފެއަރގެ، ވިޔަފާރި ބައްދަލުވުންތަކުގެ ފުރަތަމަ ދުވަސް ކާމިޔާބު - މޯލްޑިވްސް ގެޓަވޭސް


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް އެންޑް ޓޫރިޒަމް ފެއަރ ޓީޓީއެމް ގެ ވިޔަފާރި ބައްދަލުވުންތަކުގެ ފުރަތަމަ ދުވަސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މި މީޓިންގައި ދުނިޔޭގެ އެކި ޤައުމުތަކުން 200 ފަރާތަކުން ބައިވެރިވިކަމަށް މި އިވެންޓް އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސްއިން މައުލޫމާތުދެއެވެ. ވިޔަފާރި ބައްދަލުވުންތައް ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ކުރިއަށްދިޔައިރު މި ބައްދަލުވުންތަކުގައި 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ރާއްޖޭގެ މަޝްހޫރު ހޮޓާތަކާއި ރިސޯޓްތައް ހިމެނެއެވެ.

ޓީޓީއެމް ފެއަރގެ މިއަހަރުގެ ވިޔަފާރި ބައްދަލުވުންތައް 3 ދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ކުރިއަށްދާނެއެވެ. މިދިޔަ އަހަރު މި ބައްދަލުވުންތައް ކުރިއަށްދިޔައީ 2 ދުވަހުގެ މުއްދަތަކަށެވެ. މިދިޔަ އަހަރު 3000 ބައްދަލުވުން ކުރިއަށްދިޔައިރު މިއަހަރުގެ މިއަދަދު އިތުރުކޮށް 4000 ނުވަތަ 5000 ބައްދަލުވުން ކުރިއަށްގެންދިއުމަށް މޯލްޑިވްސް ގެޓަވޭސްއިން ވަނީ އަމާޒުހިފާފައެވެ. މި ބައްދަލުވުންތަކަކީ ރާއްޖޭގެ އިޤްތިޞާދަށް 1 ބިލިއަނަށްވުރެ ގިނަ އިންވެސްޓްމަންޓްތައް ގެނުވާނެ ބައްދަލުވުންތަކެއްކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ.

ޓީޓީއެމް ފެއަރ ފެށުމުގެ ގޮތުން ހޯމަދުވަހު ވަނީ ހޮޓެލިއަރ ސަމިޓްއެއް ބާއްވާފައެވެ. ޓީޓީއެމް ފެއަރގެ ތެރެއިން މިއަހަރު މުޅިން އަލަށް ސަޕްލައި އެކްސްޕޯއެއްވެސް ބާއްވާނެއެވެ.