ކުޅިވަރު

ވޯލްޑް ކަޕް - ސަޢޫދީ ޓީމަށް ޚާއްޞަ މަތިންދާބޯޓެއް


ވޯލްޑް ކަޕްގައި ވާދަކުރާ ސަޢޫދީ ޢަރަބިއްޔާގެ ޓީމު ދަތުރުކުރުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ފްލައިޓް ދައްކާލައިފިއެވެ.
ސަޢުދީ އެއަރލައިންސްގެ ބޮއިން މަރުކާގެ މިފްލައިޓް ޑިޒައިންކޮށްފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ދިދައާއި އެޤައުމުގެ ރަސްމީ ދޫނިކަމަށްވާ ފެލްކަންއާއި ޤައުމީ ޓީމުގެ ބައެއް ކުޅުންތެރިންގެ ފޮޓޯތަކާއެކުއެވެ.

ޖިއްދާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހޯމަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ސަޢުދީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އާދިލް ބިން މުހައްމަދު އިއްޒަތު ވަނީ ސަޢޫދީ ރަސްގެފާނާއި ސަޢޫދީ ވަލީޢަހްދު ފުޓުބޯޅަ ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ރަޝިޔާގައި ޖޫން މަހުގެ 14 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ހުޅުވާ މެޗުގައި ސަޢުދީ ޢަރަބިއްޔާ ވާދަކުރަންޖެހޭނީ ރަޝިޔާއާއެވެ.
މިދިޔަ ދެ ވޯލްޑްކަޕަށް ސަޢުދީ ޢަރަބިއްޔާ ކޮލިފައިވެފައެއް ނުވެއެވެ. ސަޢުދީ ޢަރަބިއްޔާ އެންމެފަހުން ވާދަކޮށްފައިވަނީ 2006 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގައެވެ.