ޚަބަރު

"ހިޔާ" މަޝްރޫޢުގެ 12 ކެޓަގަރީއަށް އާދީއްތަދުވަހު ފޯމް ދޫކުރަނީ


ރާއްޖޭގެ ތާރީޚުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށް ފޯމް ދޫރަން އަންނަ އާދީއްތަ ދުވަހު ފަށާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ފްލެޓްތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި 12 ކެޓަގަރީއަށް، ފޯމް ހުށައަޅަން ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރުމުގެ ކަންކަން 6 މެއި އިންފެށިގެން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްގެންދާނެކަމަށެވެ. އަދި މިކަމަށް ޚާއްޞަކޮށް ރަންނަބަނޑޭރި މާލަން ތައްޔާރުކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގެ އިތުރު ތަފްސީލް 6 މެއިގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޙިއްޞާ ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރާ 7000 ހައުސިން ޔުނިޓްތައް ދޭނެ ކެޓެގަރީތައް ސަރުކާރުން ކުރިން ވަނީ އިޢުލާންކޮށްފައެވެ. އެ ކެޓެގަރީތަކަކީ ސިވިލް ސާރވިސް މުވައްޒަފުންނަށް 1000 ފްލެޓް، އުމުރުން 18- 40 ދެމުދު ކައވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓް، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތިހާލުގައި އުޅޭ ގޭބިސީތަކަށް ދޫކުރާ 256 ފްލެޓެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 1 ލައްކައަށްވުރެ ގިނަ މީހުންންގެ އާބާދީއަކަށް އަމިއްލަ ގެދޮރުވެރިކަން ޔަޤީންވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ދައުލަތުގެ ކުންފުނިތަކާ ގުޅިގެން ކުރިއަށްގެންދާ "ހިޔާ" މަޝްރޫޢުގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަނީ ފަށާފައެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން 25 ބުރީގެ ޢިމާރާތްތައް ހިމެނޭގޮތުން 15 ބުއިއަށްވުރެ އުސް 62 ޓަވަރު އެޅުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.