ޚަބަރު

ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަކޮށްގެން "ޑޭކެއަރ"ސެންޓަރެއް


ސިވިލް ސަރވިސްގައި މަސައްކަތްކުރާ މައިންނަށް ޚާއްސަކޮށްގެން ޅަފަތުގައި ކުދިން ބަލަހައްޓާނެ "ޑޭކެއަރ" ސެންޓަރެއް މާލޭގައި ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް ސިވިލް ސަރިވިސް ކޮމިޝަނުން ބުނެފިއެވެ. ވަޒީފާގެ މާޙައުލުގައި އަންހެނުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމަށް ސިވިލް ސާރވިސް ކޮމިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަންހެނުން ބާރުވެރިކުރުވައި ވަޒީފާތަކަށް ނުކުންނަ އަންހެނުންނަށް އިތުރުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއެވެ. މިގޮތުން ސިވިލް ސަރިވިސް ކޮމިޝަނާ ގުޅިގެން، ވަޒީފާގެ މާހައުލުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމަށްވެސް ސަރުކާއުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސިވިލް ސަރިވސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަސްދޮޅަސް އިންސައްތަ އަކީ މިހާރުވެސް އަންހެނުންނެވެ. މާބަނޑު އަންހެނުންނާއި މައިންނަށް ވަޒީފާގެ މާހައުލުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކުރަމުން އަންނަ ކަންކަމުގެ ތެރެއިން މަސައްކަތުގެ ގަޑިތައް ކަނޑައެޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާއި ގޭގައި ތިބެގެންވެސް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ސިވިލް ސާރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމު ވިދާޅުވީ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މައިންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި ޅަފަތުގައި ކުދިން ބަލަހައްޓާނެ "ޑޭކެއަރ" ސެންޓަރެއް މާލޭގައި ހެދުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަކަމަށެވެ.

ކޮންމެ އަހަރެއްގެ މޭމަހުގެ އެއްވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހި ސިވިލް ސަރވިސް ދުވަހުގެ ގޮތުގައެވެ. މި މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެ ކޮމިޝަންގެ ރައީސް ވިދާޅުވީ މައިންނަކީ އާއިލާ ބެލެއްޓުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި އުޅޭ ބަޔަކަށްވުމާއެކު މިފަދަ ސެންޓަރެއް ޤާއިމްކުރުމުން ހިތްހަމަޖެހިގެން ވަޒީފާގެ މާހައުލުގައި މަސައްކަތްކުރެވޭނެކަމަށެވެ. އަދި ވަޒީފާގައި އުޅޭ ވަގުތުތަކުގައި ދަރިންނާމެދު ކަންބޮޑުނުވެ މަސައްކަތުގައި ވަގުތުހޭދަކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ޑޭ ކެއަރ ސެންޓަރެއް ހެދުމުގެ މަސައްކަތްކުރަމުންދާއިރު މިކަމުގެ ސބަބަބުން މުވައްޒަފުންނަށް އެތައް ފައިދާއެއްކުރާނެކަމަށް ޑރ.ޝަމީމް ވިދާޅުވިއެވެ. އަދި މިނޫނަސް އެ މުވައްޒަފުންނަށް ދިމާވާ ހުރިހާ ގޮންޖެހުންތައް ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރަމުންދާކަމަށް ޑރ.ޝަމީމް ވިދާޅުވިއެވެ.

"ވަޒީފާގެ މާޙައުލުގައި ކަނބަލުންނަށް ލުއިފަސޭހަކުރުމަށްޓަކައި ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދަނީ. ޚާއްސަކޮށް މާބަނޑު މުވައްޒަފުންނާއި މައިންނަށް ފަސޭހަ ގަޑިތަކެއްގައި އޮފީސްއަށް އައިސް މަސައްކަތްކުރެވޭނެ ގޮތްތަށާއި ގޭގަ ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފަ. މާބަނަޑު ދުވަސްވަރު އެ މުވައްޒަފުންނަށްވެސް ލުއިފަސޭހަގޮތްތަކެއް ވަނީ ހަމަޖައްސާދީފަ."

ޑރ.ޢަލީ ޝަމީމް ވިދާޅުވިއެވެ.

ސިވިލް ސަރިވިސްގައި މަސައްކަތްކުރާ އަންހެނުންގެ އިތުރުން އެ ކޮމިޝަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގައި ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި، ލިބޭ ޢާމްދަނީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ޑރ.ޢަލީ ޝަމީމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ޤައުމުގެ ތަރައްޤީ ކުރިއަށްދާ މިންވަރާއެކު ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަވެސް ބޮޑުވަމުންދާނެކަމަށެވެ.

"ސިވިލް ސަރވިސްގެ މުސާރައަށް ލުޔެއް ލިބޭނެ އެހެންކަންތައްވެސް ކުރިއަށް އެބަދޭ. ގެދޮރުވެރިކުރުމަށް ހައުސިން ސްކީމްވެސް ވަނީ ފަށާފަ. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ސްކޫލްގެ އެކިކަންކަމަށް ފީ ދައްކާކަށް ނުޖެހޭ."

ޑރ.ޢަލީ ޝަމީމް ވިދާޅުވިއެވެ.

މިއަހރު ވަނީ ސިވިލް ސަރވިސް މުވައްޒަފުންނަށް ޢިނާޔަތްތައް އިތުރުކޮށް، ޚާއްޞަ އެލަވަންސްތަކެއްދޭން ފަށާފައެވެ. މިގޮތުން ކޮންމެ މުވައްޒަފަކަށް ކުރިން ލިބޭ މުސާރައާއި އެލަވަންސްތަކުގެ އިތުރުން އެންމެ ކުޑަމުސާރަލިބޭ މުވައްޒަފަށްވެސް 700 ރުފިޔާގެ ޚާއްޞަ އެލެވެންސް ވަނީ ދޭން ފަށާފައެވެ.