ޚަބަރު

އިންތިޚާބަށް ހޭލުންތެރިކުރުމަށް ލ.އަތޮޅުގައި ހިންގި ޕްރޮގްރާމް ނިންމާލައިފި


އަންނަ ރިޔާސީ އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ލ. އަތޮޅުގައި ކުރިއަށްގެންދިޔަ ތަމުރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ލ. މާވަށް، އިސްދޫ ކަލައިދޫ، ގަން އަދި ފޮނަދޫގައި ވަކިވަކިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އެރަށްތަކުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ މި ޕްރޮގްރާމު ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމުގައި އިންތިޚާބުތަކާ ގުޅިގެން ޤާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ބާރުތަކާއި ޒިންމާތަކުގެ އިތުރުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި، މަންދޫބުންނާއި އޮބްޒާވަރުންނާ ގުޅޭ ކަންކަމުގައި އަމަލުކުރަން ޖެހޭ ގޮތްތަކުގެ މައުމޫލާތު ބައިވެރިންބަށް ދީފައިވެއެވެ. މީގެ އިތުރުން އިންތިޚާބު ކުރިއަށްދާ ވަގުތު، ވޯޓުލާ ސަރަޙައްދާއި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ މީހުން އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

ތަމުރީނު ޕްރޮގްރާމާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަންގެ ކޯޑިނޭޓަރ ޝަހުލާ އިސްމާޢިލް ވިދާޅުވީ، މި ޕްރޮގްރާމުގެ އެންމެ މުހިންމު އެއް މަޤްސަދަކީ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ ކޮންމެ ރައްޔިތަކަށްވެސް ވޯޓު ދިނުމުގެ ފުރުސަތު ޔަގީންކޮށްދިނުން ކަމަށެވެ. އަދި މީ ކާމިޔާބު ޕްރޮގްރާމެއް ކަމަށްވެސް ޝަހުލާ ވިދާޅުވިއެވެ.

މި ޕްރޮގްރާމު ބައިވެރިވި ބައެއް ބައިވެރިން ބުނީ މި ތަމޜުނުތަކުން އިންތިހާބާއި ގުޅޭ ތަފާތު ގިނަ މައުލޫމާތުތަކެއް ލިބިގެން ހިގައްޖެކަމަށެވެ. އެގޮތުން އިންތިޚާބު އޮންނަ ދުވަސްވަރާއި އިންތިޚާބެއް ކުރިއަށްދާއިރު އަމަލުކުރަންޖެހޭ ކުރިން ނޭނގޭ އެތައް ކަމެއް އެނގިގެން ހިނގައްޖެ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުއެވެ. އިންތިޚާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމާއި، އިންތިޚާބުގައި ހަރަކާތްތެރިވާ މޮނިޓަރުންނާއި އޮބްޒާވަރުން ތަމްރީނުކުރުމަށްވެސް އެކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.