ޚަބަރު

ވިމެންސް އޮން ބޯޑްސްއިން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދެ ކަނަބަލަކަށް


ވިމެންސް އޮން ބޯޑްސްއިން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދެ ކަނަބަލަކަށް ދީފިއެވެ. މި އެވޯޑް ލިބިފައިވަނީ ޕަބްލިކް ގަވަރނެންސްގެ ބައިން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާޠިމަތު ޝީރީން ޢަބްދުﷲ އަށާއި އެވޯޑް ކޯޕަރޭޓް ގަވަރނެންސްގެ ބައިން މެލޭޝިޔާގެ ޝަރީފާ އާނިސާ ބަރަކްބާއަށެވެ. މި ކަނބަލުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުއެވެ.

އަންހެނުން ބާރުވެރިކުރުވައި މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތުތަކެއް އަންހެނުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ، ވިމެން އޮން ބޯޑްސްގެ އެނުއަލް އެވޯޑް ދެހާސް ސަތާރަ ދިހަ ކަނބަލަކަށް ވަނީ ދީފިއެވެ.
ވިމަން އޮން ބޯޑްސް އިން ދަނީ އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ތަފާތު ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މުޖުތަމަޢުގެ އެކި ދާއިރާތަކުގައި ފާހަގަކޮށްލެވޭ މަސައްކަތްކުރާ އަންހެނުންގެ ޚިދުމަތް ފާހަގަކޮށް އެކަމުގެ އަގު ވަޒަންކުރުމަކީ އެޖަމްޢިއްޔާއިން އިސްކަންދޭކަމެކެވެ. އެފަދަ ކަނބަލުންގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެ ޖަމްޢިއްޔާއިން ދަނީ އަންހެނުންނަށް ޚާއްސަ އެވޯޑެއް ދެމުންނެވެ.

ވިމަން އޮން ބޯޑްސްގެ މިދިޔަ އަހަރުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިފައިވަނީ ޕަބްލިކް ގަވަރނެންސްގެ ބައިން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާޠިމަތު ޝީރީން ޢަބްދުﷲ އަށެވެ. ޝީރީންއަށް މި އެވޯޑް ލިބިފައިވަނީ ސަރުކާރުގެ އެކި ވުޒާރާތަކުގައި ސާޅީހަށްވުރެ ގިނަ އަހަރު އިސްމާޤާމްތަކެއް ފުރާ ޤައުމަށް ގިނަ ޚިދުމަތްތައްކެއް ކޮށްދީފައިވާތިއެވެ. މިގޮތުން ރައްޔިތުން މަޖިލީހުގެ މެމްބަރުކަމާއި އެކި ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވުމާއި ބޯޑު މެމްބަރުކަމުގެ އިތުރުން ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ގިނަ ޚިދުމަތްތަކެއް ވަނީ ކުރައްވާފައެވެ.

ކޯޕަރޭޓް ގަވަރނެންސްގެ ބައިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް މެލޭޝިޔާގެ ޝަރީފާ އާނިސާ ބަރަކްބާއަށް މި އެވޯޑް ލިބިފައިވަނީ މެލޭޝިޔާގެ ރައްޔިތުންގެ ސިއްޙަތާއި ޒިނާތްތެރިވުމުގެ ދާއިރާއަށް ފަންސާހަށްވުރެ ގިނަ މުއްދަތަކަށް ޚިދުމަތްކޮށްފައިވާތީއެވެ.
މިއަހަރުގެ އެވޯޑު ދީފައިވަނީ ރާއްޖޭގެ އިތުރުން ބޭރު ދުނިޔެއަށްވެސް ހުޅުވާލައިގެންނެވެ. އެވޯޑު ލިބުނު ކަނބަލުންގެ ތެރޭގައި އެކިދާއިރާތަކުން ފާހަގަކޮށްލެވޭ ކަނބަލުން ހިމެނެއެވެ. އޭގެތެރޭގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ، އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދާ ކަނބަލުން ހިމެނެއެވެ.

މިފަހަރު އެވޯޑް ދީފައިވަނީ ޕްރައިވެޓް ސެކްޓަރއިން ބެސްޓް ސީއީއޯއަށާއި ބެސްޓް މެނޭޖަރަށާއި ބެސްޓް ޔަންގް ވުމަން ޕްރޮފިޝެނަލް، ލީޑިން ވުމަން އިން އިސްލާމިކް ފައިނޭންސްއާއި އިސްލާމިކް ފައިނޭންސް ޔަންގް ގެ އިތުރުން މެންޓޯޝިޕް އެވޯރޑް ފޯރ ޑިވެލޮޕިން ފީމެއިލް ޓެލެންޓް ޕީލް އިން އިސްލާމިކް ފައިނޭންސް އިން ފާހަގަކޮށްލެވޭ ކަނބަލުންނަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ އަންނެހެނުންނަކީ ރާއްޖޭގެ ތަރައްޤީގެ ދެބައިކުޅަ އެއްބައިކަމަށާއި އެ ކަނަބަލުން ކުރާ މަސައްކަތްތަކުގެ އެގުވަޒަންކޮށް ހިތްވަރުދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށެވެ. މިނިސްޓަރ ވަނީ މި ސަރުކާރުން ޚާއްސަކޮށް ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

"މުޅި ދުނިޔޭގަވެސް ކަނބަލުންނަށް ދެވޭ ޤަދަރާއި އިޚްތިރާމް ރާއްޖޭގައި މިވަނީ މިސާލަކަށްވެފަ. ރައީސްގެ އަނބިލަބަލުން އަންހެނުންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރޭ." އަޒްލީން ވިދާޅުވިއެވެ.

އެވޯޑު ލިބުނު ކަނބަލުން ބުނީ މިފަދަ އެވޯޑެއް ލިބުމަކީ ޚިދުމަތުގައި ކުރިއަށްދާން ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

ވިމަން އޮން ބޯޑްސް، ނުވަތަ ވޮބް ޖަމްޢިއްޔާއަކީ، އަންހެނުންގެ ޙައްޤުޤައި މަސައްކަތް ކުރުމަށް 2015 ވަނަ އަހަރު އުފެއްދި އަމިއްލަ ޖަމްޢިއްޔާއެކެވެ.