ޚަބަރު

"ނަސަންދުރަ ބިން ކުއްޔަށްދިން މައްސަލަ މިދަނީ ތަޙްޤީޤް ކުރަމުން"


ނަސަންދުރަ ޕެލަސްހޮޓެލް ހުރި ބިން ކުއްޔަށްދިން މައްސަލަ އޭސީސީން ތަޙްޤީޤް ކުރަމުންދާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އޭސީސީގެ ނާއިބު ރައީސް މުޢައްވިޒް ރަޟީދު ވިދާޅުވީ ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ބިން ކުއްޔަށްދިން މައްސަލަ އޭސީސީން ބަލަމުންއަންނަ ކަމަށެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްހުރި ބިން އަމިއްލަ ކުންފުންޏަކަށް ދިނުމަށްފަހު އިތުރު ފައިސާއެއް ނެގުމަކާނުލައި، ކުލީގެ މުއްދަތު އިތުރުކުރި މައްސަލައިގައި ފިނޭންސް މިނިސްޓްރީންވަނީ މިމުޢާމަލާތުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 74 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަށް އަންގާފައެވެ. އެހެންނަމަވެސް، އޭސީސީން މިމައްސަލަ އަލުން ރިވިއު ކުރަމުންދާތީ އަދީބަށް އެންގި އެންގުން ފިނޭސްސް މިނިސްޓްރީން ވަނީ ބާޠިލުކޮށްފައެވެ.

ނަސަންދުރަ ޕެލަސް ހޮޓަލް ހިންގަމުންއައި ބިމާއި، އެބިމާ އިންވެގެންހުރި އައިލެންޑް އޭވިއޭޝަން ކުރިން ހިންގި ބިން އަމިއްލަ ކުންފުންޏަކަށް ކުއްޔަށްދީފައިވަނީ އެއްވެސް އަގެއް ނެގުމެއްނެތި، ހަމައެނަކި ސީއެސްއާރ ކޮންޕޯނެންޓެއް ހިމަނައިގެންކަމަށްވުމާއި، ސީއެސްއާރ ކޮންޕޯނެންޓްގެ ތަފްސީލުވެސް އެގްރީމެންޓުގައި ހިމަނާފައި ނުވާކަމަށްބުނެ، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓެއްގައި ވަނީ މި އެއްބަސްވުމާމެދު ގޮތެއް ނިންމުމަށް ސަރުކާރަށް ލަފާދީފައެވެ.

އޭސީސީން މިމައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދަނީ މިކަމުގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެއެވެ.