ޚަބަރު

ހއ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާއާއެކު އިތުރު 2 ޚިދުމަތެއް ތަޢާރަފްކޮށްފި


ހއ.އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާއާއެކު އިތުރު 2 ޚިދުމަތެއް ތަޢާރަފްކޮށްފިއެވެ. މި ޚިދުމަތްތައް ތަޢާރަފުކޮށްދެއްވީ ހއ.އަތޮޅު ހޮސްޕިޓަލްގެ ރަންޔޫބީލް ފާހަގަކުރުމަށް އެއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

ތިލަދުންމަތީ އުތުރުބުރީގެ ވެރިކަން ކުރާ ރަށް ދިއްދޫގައި ހުންނަ އެއަތޮޅު ހޮސްޕޮޓަލަކީ ރާއްޖޭގެ އުތުރުން އެންމެ ގިނަ މީހުން ބޭސްފަރުވާގެ ޚިދުމަތް ހޯދާ އެއް ހޮސްޕިޓަލެވެ. ހއ.އަތޮޅު ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މުޅިން އަލަށް ތަޢަރާފްކުރި ޚިދުމަތްތަކަކީ ދަތުގެ ފަރުވާއާއި، ޑިޖިޓަލް އެކްސްރޭގެ އިތުރުން ތައިރޮޑް ޓެސްޓްކުރުމުގެ ޚިދުމަތެވެ. މި ޚިދުމަތްތައް ރަސްމީކޮށް ފަށްޓަވައިދެއްވީ ހއ.އަތޮޅު ހޮސްޕިޓަލްގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

ހއ. އަތޮޅު ހޮސްޕިޓަލްގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެއަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ޞިއްހޙީ ދާއިރާ ތަރައްޤީކުރުމުގެ މަސައްކަތަކީ ނިމުމެއް ނެތް މަސައްކަތެއްކަމަށެވެ. އަދި ހއ.އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާއާއި، ޑިޖިޓަލް އެކްސްރޭއާއި ތައިރޮއިޑް ޓެސްޓްކުރުމުގެ ޚިދުމަތް އަލަށް ތަޢާރަފްކޮށްފައިވަނީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތައް ކަށަވަރުކޮށްދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކުރިއަށްއޮތް ތަނުގައިވެސް ހއ. އަތޮޅު ހޮސްޕިޓަލްގެ ކުރިއެރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކޮށްދެއްވާނެކަމުގެ ޔަޤީންކަން މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ވަނީ ދެއްވާފައެވެ. އެގޮތުން ޑަޔަލިސިސްގެ ޚިދުމަތާއި، ހަމުގެ ބަލިތަކާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތްވެސް ކައިރި މުސްތަޤުބަލެއްގައި ތަޢާރަފުކުރެއްވުމަށް މަސައްކަތް ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކި ގޮތްގޮތުން އެ ހޮސްޕިޓަލަށް ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ވަނީ ޙާއްސަ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.

ހެލްތް މިނިސްޓަރގެ މި ދަތުރުފުޅުގައި ހއ. ދިއްދޫގެ އިތުރުން، އެ އަތޮޅު ކެލާ، ހޯރަފުށި އަދި ބާރަށުގައި ސިއްޚީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރައްވާ، އެތަންތަނުގެ މުވައްޒަފުންނާއި، ކައުންސިލް ބޭފުޅުންނާއި، ބައްދަލު ކުރައްވާ، އެތަންތަނުގެ ހުރި މައްސަލަތަކާއި ގުޅޭގޮތުން އެބޭފުޅުންނާއި މިނިސްޓަރ ވަނީ މަޝްވަރާކުރައްވާފައެވެ.