ޚަބަރު

"ނޫރުލް މުބީން" ޤުރުއާން މުބާރާތުގެ އޮޑިޝަންގައި 33 ބައިވެރިން


ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތުގައި ރާއްޖެ ތަމުސީލުކުރާ ބައިވެރިއަކު ހޯދަން ބާއްވާ އޮޑިޝަންގައި 33 މީހުން ބައިވެރިވެއްޖެއެވެ.

ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒުން ބުނީ މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއެކު ރާއްޖޭގެ އެކި ސަރަޙައްދުތަކުން މީހުން ބައިވެރިވެފައިވާ ކަމަށެވެ.
މުބާރާތުގެ އޮޑިޝަން އަންނަ މަހުގެ 1 ވަނަ ދުވަހު ބާއްވަން ކުރިން ނިންމިނަމަވެސް މިހާރު އޮޑިޝަން ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 2ން 4ކަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައެވެ. މި އޮޑިޝަންގައި އުމުރުން 18 އަހަރާއި 30އަހަރާއި ދެމެދުގެ މީހުންނަށް ބައިވެރިވެވޭނެއެވެ. މީގެ އިތުރުން ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ކިޔަވަން އެނގެންޖެހޭނެއެވެ.

"އައްނޫރުލް މުބީން"ގެ ނަމުގައި ބާއްވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތަކީ ރަޢީސުލްޖުމްހޫރިއްޔާ ޢަބްދުއްﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ބާއްވާ މުބާރާތެކެވެ. މިމުބާރާތުގައި ރާއްޖެ ހިމެނޭހެން 11 ޤައުމަކުން ބައިވެރިވާނެއެވެ. އޭގެތެރޭގައި އިންޑޮނޭޝިއާއި ސްރީލަންކާއާއި ޔޫއޭއީއާއި ތުރުކީވިލާތާއި މިސްރާއި ޕާކިސްތާނާއި މެލޭޝިއާ އާއި ސަޢުދީއަރަބިއްޔާއާއި ސޫދާނާއި ބަންގްލަދޭޝް ހިމެނެއެވެ. މި މުބާރާތުގައި ކޮންމެ ޤައުމަކުންވެސް ބައިވެރިވާނީ އެންމެ ބައިވެރިއެކެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ން 17 ގެ ނިޔަލަށެވެ. "އައްނޫރުލް މުބީން" މުބާރާތަކީ އިންތިޒާމް ކުރަނީ އިސްލާމިކް މިނިސްޓްރީއާއި ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒާއި ޕީއެސްއެމް ގުޅިގެންނެވެ.