ޚަބަރު

ޑެންގީހުން ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފި


މިދުވަސްވަރު ޑެންގީ ހުން އިތުރުވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކަޝަން އެޖެންސީ، އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފިއެވެ.

އެޗް.ޕީ.އޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ދުވަސްވަރު މާލެއާއި އަތޮޅުތެރޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރަމުންދާ ކުދިންނާއި މީހުންގެ އަދަދު އިތުރުވަމުން އަންނަކަން އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާކަމަށެވެ. އަދި އެހެން އަހަރުތަކެކޭވެސް އެއްފަދައިން ކުރިއަށް އޮތް ދުވަސްވަރަކީ ޑެންގީ ހުން ފެތުރުމުގެ ފުރުސަތު ބޮޑު ދުވަސްވަރެއްކަމަށްވެސް އެޗް.ޕީ.އޭގެ ބަޔާނުގައިވެއެވެ. އެހެންކަމުން ޑެންގީ ހުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށްވެސް އެޗް.ޕީ.އޭއިން އިލްތިމާސްކުރެއެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ގެއާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލާ، ފެން ހުސްކޮށް ސާފުކުރުމާއި ކުނިއަޅަން ހާއްސަ ކުރެވިފައިވާ ތަންތަން ފިޔަވާ އެހެން ތަންތަނަށް ކުނި ނޭޅުމާއި ހަށިގަނޑު ނިވާވާގޮތަށް ހެދުން އަޅާ މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންކަން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ޑެންގީގެ އަލާމަތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއެކު ހުން އައުން ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. އެހެންކަމުން ހުން އަންނަނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، އަރާމުކުރުމުގެ އިތުރުން، ޕެރެސިޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރެއެވެ. އަދި 3 ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ ނުވަތަ ޑެންގީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއް ނުވަތަ ޞިއްޙީ އެހީތެރިއެއްގެ ލަފައާއި އިރުޝާދު ހޯދުމަށްވެސް އެޗް.ޕީ.އޭގެ ބަޔާނުގައި އިލްތިމާސްކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ޑެންގީ އިތުރުވާ ދުވަސްވަރާ ދިމާކޮށް މަދިރިއާލާވުން މަދުކުރުމަށާއި، ޑެންގީ ބައްޔަށް އާއްމުން ހޭލުންތެރިކުރުމުގެ އިތުރުން، ޑެންގީބަލި ދެނެގަތުމާއި ފަރުވާ ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް އެޗް.ޕީ.އޭއިން އަންނަނީ ކުރަމުންނެވެ. އެގޮތުން މިދުވަސްވަރު ޑެންގީ އިތުރުވަމުންދާ މިންވަރު މޮނިޓަރކޮށް، ޑެންގީ ފެތުރޭ ރަށްރަށުގައި ބަލި ކޮންޓްރޯލްކުރުމަށް ލަފައާއި، އިރުޝާދު ފޯރުކޮށްދިނުމާއި، މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ކެމްޕެއިންނަށް ރާވާ ހިންގުމުގެ އިތުރުން، އެކި މުއައްސަސާތަކާއި ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށްވެސް ހެލްޕް ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.