ޚަބަރު

ބޮޑެތި އިނާމުތަކާއެކު މިފްކޯ ރޯދަ ޕްރޮމޯޝަން ފަށައިފި


ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯއިން ކުރިޔަށް ގެންދާ "އޮބިނޯވޭ" ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން މިއަހަރުވެސް މިފްކޯގެ މާލޭގައި ހުންނަ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް ގިނަ އިނާމުތައް ދޭން ވަނީ ނިންމާފައެވެ. މިގޮތުން މިއަހަރުގެ ޕްރޮމޯޝަންގައި ގުރުއަތުން ނެގޭ ދިހަ ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި އުމްރާ ދަތުރާއި އައިސް އަލަމާރިއާއި ޓީވީ ފަދަ އިނާމުތައް ހިމެނެއެވެ.

އޭޕްރިލް 30 އިން ރޯދަމަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މިޕްރޮމޯޝަންގައި 100 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. މިފްކޯއިން ބުނީ މިދިޔަ އަހަރު ރޯދައާއި ދިމާކޮށް މިފްކޯގެ މަހުގެ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮކުރި ކަމަށެެވެ. އަދި އަގަށްގެނައި ހެޔޮ ބަދަލާއެކު އެއްއަގެއްގައި މަހުގެ ބާވަތްތަކުގެ އަގު ހިފެހެއްޓިފައިވާކަން މިފްކޯއިން ފާހަގަކުރެއެވެ.

"މިދިޔަ އަހަރު މިވަނީ ވަރަށް ބޮޑުތަން މިފްކޯއިން ވިއްކާ މަސްދަޅުގެ އަގުހެޔޮކޮށްފަ. ރޯދަމަހުގެ ފަހުންވެސް އަޅުގަނޑުމެން އެއަގުގަ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިދިޔަ އަހަރު ރޯދައަށް ކުޑަކުރި އަގުގައި މަހުގެ ބާވަތްތައް ވިއްކަމުން ދިޔައީ. މިފަހަރު ހަމަ މިއަގުގައި ހުންނާނީ ތަކެތި" އައިޝަތު ރިޔާޒާ ވިދާޅުވިއެވެ.

މިފްކޯއިން ބުނީ ކޮންމެ ރޯދަމަހަކު އެކުންފުނިން ޢާންމުނަށް ފަސޭހަ ވާނެފަދަ އެކިއެކި އުފެއްދުންތައް ނެރޭކަމަށާއި، މިއަހަރުގެ ރޯދަމަހަށްވެސް އެފަދަ އުފެއްދުންތައް ނެރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިއަހަރުގެ ރޯދަމަހާ ދިމާކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް މިފްކޯގެ މަހުގެ ބާވަތްތައް ސްޓޮކް ހުސްނުވެ ލިބޭނެކަމުގެ ޔަޤީންކަން މިފްކޯއިން ދިނެވެ.

"އެހެން ރޯދަމަސްތަކުގައި ސްޓޮކް ހުސްވުމާ މިކަހަލަ ކަންތައްތަކަށް އެޑްރެސްކުރުމަށް ކުރިޔާލާ ޕްރޮޑަކްޝަން އެގޮތައް ރޭވިގެން މާލޭގައި އެކަށީގެންވާ ބޮޑު ސްޓޮކެއް ރައްކާކުރެވޭ ގޮތައް ގުދަނެވެސް ވާނީ ތައްޔާރުކުރެވިފައި. އެހެންކަމުން އިރާދަކުރެއްވިއްޔާ މިދިޔަ ރޯދަމަސްތަކުގައި ދިމާވި އެ މައްސަލަ ދިމައެއް ނުވާނެ. އެގޮތަށް މިޕްރޮމޯޝަންގެ ތެރެއިން ރޭވިގެން ޔަގީންކަމާއެކު ދަޅުމަސްވެސް އަދި އެހެން ޕްރޮޑަކްޓްތައްވެސް ލިބިގެންދާނެގޮތައް ރޭވިފައިމިވަނީ." ރަމްޒީ ވިދާޅުވިއެވެ.

މިފްކޯއިން ބުނީ ރޯދަމަހުގެ ތެރޭގައި މާލޭގެ ފިހާރަތަކާއި އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފިހާރަތަކުންވެސް މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ލިބޭނެކަމަށެވެ. އަދި 14 ސަރަޙައްދުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުންވެސް މަސްދަޅު ލިބޭނެކަމަށް މިފްކޯއިން ބުނެއެވެ.