ޚަބަރު

ދަރަނީގެ "ދަންތުރަ"އިން ސަލާމަތްވުމަށް ދުރާލައި ދަރަނި މޭނޭޖުކުރުމަކީ މުހިއްމުކަމެއް - ގަވަރުނަރު


ރާއްޖެ ދަރަނީގެ "ދަންތުރަ"އެއްގައި ޖެހުނަނުދިނުމަށް ދުރާލައި ދަރަނި މޭނޭޖުކޮށް، މާލީ ރައްކާތެރިކަން އިތުރުކުރަން ޖެހޭކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމް.އެމް.އޭ.ގެ) ގަވަރނަރ އަޙްމަދު ނަޞީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް 2018، އިފްތިތާޙުކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގަވަރނަރ އަޙްމަދު ނަޞީރު ވަނީ، މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ރާއްޖޭގެ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށް 2012ވަނަ އަހަރުއްސުރެ ބާއްވަމުން އަންނަ ފޯރަމެއްކަން ފާހަގަކުރައްވާފައެވެ.

މި އަހަރުގެ ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެމް.އެމްއޭ.ގެ ގަވަރުނަރު އަޙްމަދު ނަސީރު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ޚަރަދުތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި މާލީ ކަންކަމާއި ދަރަނި މެނޭޖު ނުކުރެވޭނަމަ ތަރައްޤީވަމުން އަންނަ ބައެއް ޤައުމުތަކަށް ދަރަނީގެ ސަބަބުން ދިމާވިފަދަ ގޮންޖެހުންތައް ރާއްޖެއަށްވެސް މެދުވެރިވުމުގެ ބިރު އެބައޮތްކަމަށެވެ. އަދި ދަރަނި މެނޭޖްކުރުމަކީ އޭގެ ސަބަބުން ފައިދާކުރާނެ ކަމެއްކަމަށްވެސް ގަވަރުނަރ ވިދާޅުވިއެވެ.

ޕެންޝަން އޮނިގަނޑުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވުން ނަޞީރު ވިދާޅުވީ، ރާއްޖޭގެ މުސްކުޅިވަމުންދާ އާބާދީއާއެކު، އިސް ރައްވެހިންނަށް ޕެންޝަން ދިނުމުގައި ދިމާވާނޭ ދަތިތަކަށް ޙައްލެއް ގެނައުމަށް ދުރާލައި ފަންޑު އުފައްދަން ޖެހޭކަމަށެވެ. ކުރިއަށް އޮތް 35 އަހަރު ތެރޭގައި ރާއްޖޭގެ އާބާދީގައިވެސް އިސް ރަށްވެހިންގެ ނިސްބަތް އިތުރުވާނެކަމަށް ލަފާކުރެވޭ އިރު، އެކަމުގެ ސަބަބުން ޕެންޝަން ފައިސާ ދިނުމުގައި ދައުލަތުން އުފުލަންޖެހޭނެ ބުރައަށް ވިސްނައި، ދަޢުލަތުގެ ބަޖެޓު އިތުރުކުރާނެ ގޮތްތަކެއް ނުވަތަ އެ ޙާލަތަށް ބޭނުންވާނެ ފައިސާ އުފައްދާނޭ ގޮތްތަކެއް މިހާރުއްސުރެ ހޯދުމުގެ މުހިއްމުކަމުގެ މައްޗަށް ގަވަރުނަރުގެ ވާހަކައިގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުގެ ޗެއަރޕަރސަން އިބްރާހިމް އަޙުމަދު ނާޞިރު ވިދާޅުވީ، ފޯރަމުގައި ކުރާ ބަހުސް ބައްޓަންކުރަންވާނީ ޢަމަލީ ނަތީޖާ ނެރެވޭނެ، ބާޒާރުގައި ތަފާތުތަކެއް އުފެއްދޭނެ ގޮތަކަށްކަމަށެވެ.

މިއަހަރުގެ ފައިނޭންސް ފޯރަމްގެ ޝިޢާރަކީ "އިޤްތިޞާދީ ތަރައްޤީ އާއި ކުރިއެރުން ގެނައުމަށްޓަކައި ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސް ހޯދުމުގައި މާލީ މުއައްސަސާތަކުގެ ދައުރު"، މިއެވެ.

ފޯރަމްގައި ތަޤްރީރުކުރައްވާ ބޭފުޅުންގެ ތެރޭގައި، ހޮރައިޒަން ޕާޓްނަރސް ލިމިޑެޓްގެ މެނޭޖިންގ ޕާރޓްނަރ ނިރޯޝް ޑި ސިލްވާ އާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ހުސައިން މަނިކުގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީގެ މެނޭޖަރ ޕަބްލިކް ޑެޓް މެނޭޖްމަންޓް ޑިވިޜަން އައިމިންތު އައިވާން ހިމެނިވަޑައިގަންނަވައެވެ.