ޚަބަރު

ރަމަޟާންމަހުގެ ރޭތައްއިހްޔާކުރުމަށް ބާއްވާ ޖަލްސާތައް މިއަހަރުވެސް

 


ރަމަޟާންމަހުގެ ރޭތައްއިހްޔާކުރުމަށް ބާއްވާ ޖަލްސާތައް މިއަހަރުވެސް ކުރިއަށްގެންދާނީ، ވޭތުވެދިޔަ އަހަރެކޭ އެއްގޮތަށް ރައްޔިތުންނަށް ވީހާވެސް ބޮޑަށް ދީނީ މަޢުލޫމާތު ފޯރުކޮށްދެވޭގޮތަށްކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.


 
އެމިނިސްޓްރީން ވިދާޅުވީ މިއަހަރުގެ ޖަލްސާތަކުގައިވެސް މައުޟޫޢުތައް ކަނޑައަޅައި އެމައުޟޫއަކަށް ދީނީ ނަޒަރަކުން އިލްމުވެރިއަކު ވާހަކަފުޅު ދެއްކެވުމަށްފަހު ސުވާލާއި ޖަވާބުގެ ވަގުތުގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށެވެ. އިޙްޔާ ޕްރޮގްރާމްގައި ތަޤުރީރުކުރައްވާނީ ރާއްޖޭގެ ދީނީ އިލްމުވެރިންނެވެ.


 
އިޙްޔާ ފޯރަމް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި  ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.


 
މިފަހަރުގެ އިހްޔާ ފޯރަމްގައި ދިހަ ފަރާތެއްގެ މެދުގައި ގުރުއަތުލައި ފައިސާގެ އިނާމާއި، ރިޔާޟުއްސާލިޙީންއާއި ފިގުހު ސުންނާ ފޮތް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.


 


މީގެ އިތުރުން އަސްރު ނަމާދަށް ފަހު ކޮންމެ ދުވަހަކު މާލެ އާއި ހުޅުމާލެ އާއި  ވިލިމާލެ ހިމެނޭ ގޮތަށް ހަތް މިސްކިތެއްގައި ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމް ކުރިއަށްގެންދަވާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.