ޚަބަރު

އުރީދޫ މަސްރޭހުގެ މީޑިއާ ޕާޓްނަރަކަށް ޕީ.އެސް.އެމް



ބޮޑެތި ބަދަލުތަކަކާއި އެކު ބާއްވާ މިފަހަރުގެ އުރީދޫ މަސްރޭހުގެ މީޑިއާ ޕާޓްނަރަކަށް ޕީ.އެސް.އެމް ހަމަޖައްސައިފިއެވެ. މިފަހަރުގެ އުރީދޫ މަސްރޭސްވެސް ޓީވީއެމުން ގެނެސްދޭނީ އަންނަ ރޯދަމަހުއެވެ.

މި ފަހަރު މަސްރޭހުގައި ފެންނާނެ އެންމެ ބޮޑު ތަފާތަކީ މި ފަހަރުގެ ރޭހުގައި ބައިވެރިކުރާ ޓީމުތަކެވެ. މި ގޮތުން މި ފަހަރު ރޭހުގައި ޓީމްތައް ބައިވެރިވުމުގެ ފުރުސަތު އޮންނާނީ ރާޢްޖޭގައި ހިންގާ ކުންފުނިތަކާއި ރިސޯޓްތަކުގެ އިތުރުން ސަރުކާރު މުއައްސަސާތަކަށެވެ.

އުރީދޫ މަސްރޭހުން ދެން ފެންނާނެ އެންމެ ބޮޑު ބަދަލަކީ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވާ ޓީމްތަކުގައި މަދުވެގެން އަންހެން ބައިވެރިއަކު ހުންނަންޖެހޭއެވެ. އަދި ރިސޯޓްތަކުން ބައިވެރިވާ ޓީމްތަކުގައި 1 ބިދޭސީއަކު ހުންނަން ޖެހެއެވެ. މީގެކުރިން މުޅިން މާލޭ ސަރަހައްދުގައި މި މުބާރާތް ބާއްވަމުން އައި ނަމަވެސް މި އަހަރުގެ މުބާރާތް މުޅި ރާއްޖެއަށް ވަނީ ބަހާލާފައެވެ. މިގޮތުން މި އަހަރުގެ މަސްރޭސް 2 ބުރަކަށް ބަހައިލައިގެން ކުރިޔަށް ގެންދާއިރު ކޮލިފައިން ބުރުތައް ކުރިޔަށްދާނީ ރާއްޖޭގެ 8 ސަރަހައްދެއްގައެވެ. މާލޭ ސަރަހައްދުގައި އޮންނާނީ ސެމީ ފައިނަލާއި ފައިނަލް ބުރުތައް އެކަންޏެވެ.

މީގެކުރިން ބޭއްވި އުރީދޫ މަސްރޭހާއި އެއްގޮތަށް މި ފަހަރުގެ މަސްރޭހުގެވެސް މީޑިއާ ޕާޓްނަރަކީ ޕީއެސްއެމް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފްއެވެ. މަސްރޭހުގެ ސޯޝަލް މީޑިއާ، މާކެޓިން އަދި ޕީ.އާރް ޕާޓްނަރަކީ މަޓާޓޯއެވެ. އެންޑޯޒް ޕާރޓްނަރުންނަކީ ފިޝަރީސް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީންއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އުރީދުގެ އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވީ މަސްރޭސް އަންނަ މަހުގެ 4 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށާއި ފުރަތަމަ ބުރު އޮންނާނީ މާލެ ސަރަހައްދުގައި ކަމަށެވެ.
"މިފަހަރު މަސްރޭސް މި ކުރިއަށްދަނީ ރާއްޖޭގެ ހުރިހާ ރިސޯޓްތަކަށާއި ހުރިހާ ކޯޕަރޭޓްތަކަށާއި މިނިސްޓްރީތަކަށް ހުޅުވައިލައިގެން .4 މެއިން ފެށިގެން މަސްރޭސް ކުރިއަށްދާނެ. މީގެ ސެމީ ފައިނަލް ބުރުތައް އޮންނާނީ ރޯދަމަސް ތެރޭގަ. ރޯދަމަހުގެ ހަތަރު ހަފްތާގައި ސެމީ ފައިނަލްގެ ބުރުތައް ނިންމާފަ ރޯދަމަސް ނިމުމަށްފަހު ގްރޭންޑް ފައިނަލް އޮންނާނެ." ހުސައިން ނިޔާޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފީލް އިންވެސްޓްމަންޓްއިން ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަން އައިޝަތު އަލްމާސް ވިދާޅުވީ ފުރަތަމަ ބުރު ޚާއްސަކޮށްފައިވަނީ މިނިސްޓްރީތަކާއި ކުންފުނިތަކަށްކަމަށެވެ. އެއަށްފަހު ރާޢްޖޭގެ އެކި ސަރަޙައްދުތަކުގައި މުބާރާތުގެ ބުރުތައް ކުރިއަށްދާނެކަމަށެވެ.

މިއީ އުރީދޫ މަސްރޭސް ބާއްވާ 8 ވަނަ އަހަރެވެ. ރިސޯޓްތަކުގެ ކޮލިފައިން ބުރު އަތޮޅުތެރޭގެ އެކި ރަށްރަށުގައި ކުރިއަށްދާއިރު ކުންފުނިތަކާއި، ސަރުކާރުގެ މުވައްސަސާތަކުގެ ކޮލިފައިން ބުރު ކުރިއަށްދާނީ މާފުށީގައިކަމަށް އުރީދޫއިން ބުނެއެވެ. ކޮލިފައިން ބުރުތަކުން 1 ވަނަ އަދި 2 ވަނައަށް ހޮވޭ ޓީމުތަކަށް ސެމީ ފައިނަލް އަދި ފައިނަލް ބުރަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.