ޚަބަރު

އޮޑިޓް ރިޕޯޓް ހުށައެޅުމާއެކު އެމް.ޑީ.ޕީއަށް ފައިސާ ދިނުމަށް ފިނޭންސަށް ހުށައަޅައިފި


ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށްދޭންޖެހޭ ފައިސާގެ ތެރެއިން އެމް.ޑީ.ޕީއަށް ދޭ ފައިސާދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ހުށައަޅަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 23 ވަނަ ދުވަހު ވަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10 ހާސް މެމްބަރުން ހަމަވާ 3 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ހުށައަޅާފައެވެ. އެމް.ޑީ.ޕީއަށް ފައިސާ ދޫކުރުން މަޑުޖައްސާލާފައި އޮތީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ހުށައަޅަންޖެހޭ އޮޑިޓް ރިޕޯޓް އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި ނުވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އިދިކޮޅު މައި ޕާޓީ އެމް.ޑީ.ޕީން އިލެކްޝަނަށް ހުށައަޅަންޖެހޭ އޮޑިޓް ރިޕޯޓް ހުށައަޅާފައިވާތީ، އެޕާޓީއަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ނިންމާފައިވާކަމަށެވެ.

މިއަހަރުގެ ބަޖެޓުން 24.2 މިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅާފައިވާއިރު، މެމްބަރުން ތިބި ޢަދަދަށްބަލައި އެންމެ ގިނަ ފައިސާ ލިބެނީ ވެރިކަންކުރާ ޕާޓީ، ޕީޕީއެމަށެވެ. އެޕާޓީގައި 45865 މެމްބަރުން ތިބިއިރު، 11.5 މިލިއަން ރުފިޔާ ޕީޕީއެމަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އިދިކޮޅު އެމްޑީޕީގައި 29759 މެމްބަރުން ތިބިއިރު، އެޕާޓީއަށް 7.5 މިލިއަން ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ޖުމްހޫރީ ޕާޓީއާއި އެމް.ޑީ.އޭއަށް 2.6 މިލިއަން ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ ކޮންމެ މެންބަރަކަށް 251 ރުފިޔާ 58 ލާރީގެ ރޭޓުންނެވެ. ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ދައުލަތުގެ ބަޖެޓްގެ 0.1 އިންސައްތައާއި، 0.2 އިންސައްތައާ ދެމެދުގެ ޢަދަދެއްގެ ފައިސާ ސިޔާސީ ޕާޓީތަކަށް ދޭންޖެހެއެވެ.