ޚަބަރު

ސްރީލަންކާގެ ރައީސްގެ ދަތުރުފުޅުގައި ދެގައުމުގެ ދެމެދު ރަސްމީ ވާހަކަތައް





 


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ދައުވަތަށް ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސެ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.


 
ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރާއްޖެއަށް މިކުރައްވާ ރަސްމީ ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ، މިއަހަރުގެ ޖަނަވަރީ މަހު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް، ރައީސް ރާޖަޕަކްސައަށް އެރުއްވި ދަޢުވަތު ގަބޫލުފުޅު ކުރައްވައި ކުރައްވާ ދަތުރުފުޅެކެވެ.  ދެދުވަހުގެ މިދަތުރުފުޅުގައި ސްރީލަންކާގެ ރައީސްގެ އަރިހުގައި، އެޤައުމުގެ ސަރުކާރުގެ ބައެއްމިނިސްޓަރުންނާއި، ޕާލަމަންޓް މެންބަރުންނާއި އިސްބޭފުޅުންގެ ވަފްދެއް ރާއްޖެ ގެންނަވާނެއެވެ. މީގެއިތުރުން، ސްރީލަންކާގެ ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖާފަތެއް ކުރުނބާ މޯލްޑިވްސް ރިސޯޓްގައި ބާއްވަވާނެކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއްވައެވެ.


 
 


މަހިންދަ ރާޖަޕަކްސަގެ މިދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން، ބޭރު ދައުލަތެއްގެ އެންމެ އިސްވެރިޔަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.