ޚަބަރު

ވެލެންސިޔާއަކީ ދެރަ ޓީމެއް ނޫން - ސަމްޕަތު


ތާވަލްގެ ފުލުގައި އޮތަސް ވެލެންސިއާއަކީ ދެރަ ޓީމެއް ކަމަށް ނުބަލާނެ ކަމަށް ނިއުގެ އެސިސްޓެންޓް ކޯޗް އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފިއެވެ.

އެސްޓީއޯ މާލެ ލީގުގައި ނިއުރޭޑިއެންޓާއި ވެލެންސިއާ ބައްދަލު ކުރާ މެޗުގެ ކުރިން ސަމްޕަތު ބުނީ ނިއުގެ ޓީމަކީ މޮޅުވާން ބޭނުންވާ ޓީމެއް ކަމަށާއި އެއްކުޅުންތެރިއަކު ކުޅޭނީ އަނެއް ކުޅުންތެރިއަކަށްޓަކައި ކަމަށެވެ.

ލީގުގައި ވިކްޓްރީއާ އަތުން ބަލިވި މެޗަށްފަހު ވެލެންސިއާ އާ ދެކޮޅަށް ނުކުންނައިރު ވެލެންސިއާއަކީ ދެރަ ޓީމެއް ކަމަށް ނުދެކޭނެ ކަމަށް ސަމްޕަތު ބުންޏެވެ. ސަމްޕަތު ބުނީ ބެންގަލޫރު އެފްސީ ބަލިކުރި މެޗަށް ފަހު ނިއު އޮތީ ވަރަށް ރަނގަޅު ކިކެއްގައިކަމަށާއި މެޗަށް ނުކުންނާނީ މޮޅުވާން ކަމަށެވެ.

"އަހަރުމެން ހަނދާން ނުނެތޭ ވިކްޓަރީ އަތުން ބަލިވިކަން، ވެލެންސިޔާއަކީވެސް ދެރަ ޓީމެކޭ އެގޮތަށް ވިސްނައިގެން ނުނިކުންނާނަން، ހަމަ ނިއުގެ ގޭމް ކުޅެ މޮޅުވުން ޓާގެޓަކީ" ސަމްޕަތު ބުންޏެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު ސޮބާހް ބުނީ އޭނާގެ ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވުން ކަމަށެވެ.

ޖެހިޖެހިގެން ގިނަ މެޗުތަކަކުން ބަލިވުމުގެ ސަބަބުން ކުޅުންތެރިންނަށް މޮޅުވެވޭނެ ކަމަށް ގަބޫލު ނުކުރެވުމަކީ މޮޅުވުމަށް ދިމާވާ ހުރަހެއް ކަމަށް ބުނަމުން ސޮބާ ބުނީ މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަމަށް ގަބޫލު ކުރަންޖެހޭ ކަމަށެވެ. އަދި ނިއުއަކީ ވެލެންސިއާ އާ އަޅާކިޔާ ވަރަށް ވުރެ ތަފާތު ބޮޑު ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް ވެލެންސިއާ ޓީމުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް ސޮބާ ފާހަގަކުރިއެވެ.

"މެޗުތަކުން ބަލިވާތީ މިހާރު ކުޅުންތެރިންގެ އަމިއްލަ ނަފްސަށް ނެތް އެ އިރުބާރު، އަޅުގަނޑަށް ހީވަނީ އެ އިރުބާރު ގެނެސްގެންހެން މޮޅެއް ވެވޭނީ. ދެން އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތް" ސޮބާ ބުންޏެވެ.

ތޭރަ ޕޮއިންޓާއެކު މާލެ ލީގު ތާވަލުގެ އެއްވަނައިގައި ނިއު އޮތް އިރު ވެލެންސިއާ އޮތީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައެވެ.