ޚަބަރު

ރައީސްގެ އަނބިކަނބަލުން ތިމަރަފުއްޓަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ކޮޅުމަޑުލު ތިމަރަފުއްޓަށް ވަޑައިގެންފިއެވެ.

އެކަމަނާ ފަށްޓަވާފައިވާ އެންމެ ޤާތުން ކެމްޕެއިންގެ ދަށުން ކޮޅުމަޑުލުގެ ރަށްރަށަށް ކުރައްވާ މިދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެއަތޮޅުގެ ވެރިކަންކުރާ ތިމަރަފުއްޓަށް ވަޑައިގަތުމުން އެރަށުން ވަނީ އެކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެކަމަނާ ވަނީ ތިމަރަފުއްޓަށް ވަޑައިގެން އެރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި، އަންހެނުންނާއި އިސްރަށްވެހިންނާއި އެކި މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
މިބައްދަލުކުރެއްވުންތަކުގައި އެފަރާތްތަކަށް ދިމާވާ ދަތިތައް އޮޅުން ފިލުއްވައި، ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެކަންކަން ޙައްލު ކުރެވޭނެ ގޮތްތަކާމެދު އެކަމަނާވަނީ މަޝްވަރާ ކުރައްވާފައެވެ.

ތިމަރަފުށީގެ އިތުރުން މިދަތުރުފުޅުގައި އެކަމަނާ ދެންވަޑައިގަންނަވާނީ ކިނބިދުއާއި ހިރިލަންދުއަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެކަމަނާ ކޮޅުމަޑުލަށް ފެށްޓެވި ދަތުރުފުޅުގައި މިހާތަނަށް ވިލިފުއްޓާއި މަޑިފުށްޓާއި ގުރައިދުއާއި ގާދިއްފުށްޓާއި ދިޔަމިގިއްޔާއި ވޭމަންޑޫއަށް ވަޑައިގެންފައިވެއެވެ.

މިދަތުރުފުޅުގައި އެކމާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހިގެ ކޮޅުމަޑުގެ ބައެއް ދާއިރާތައް ތަމްސީލްކުރައްވާ މެންބަރުންނާއި އެހެނިހެން ދާއިރާތަކުގެ ބައެއް މެންބަރުންވެސް ބައިވެރިވެއެވެ. އެންމެ ގާތުން މިނަމުގައި އެކަމަނާ ކުރިއަށްގެންދަވާ ކެމްޕެއިނަކީ 2017 ވަނަ އަހަރު ފަށްޓަވާފައިވާ ކެމްޕެއިނެކެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނާއި ބޮޑެތި މީހުންގެ އިތުރުން އިސްރަށްވެހިންނާއި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތައް ގާތުން ބައްލަވައި އެކަންކަން ޙައްލުކުރެއްވުމަށް ހިންގަވާ ކެމްޕެއިނެކެވެ.