ޚަބަރު

މިނިވަންކަމުގެ މުހިއްމުކަން އެނގުނީ 1 ފެބްރުއަރީގެ ބަޣާވާތް ނާކާމިޔާބުވުމުން - ސަޢީދު


މިނިވަންކަމާއި އިސްތިޤުލާލަކީ ކިހާ މުހިއްމު ކަމެއްކަން ދިވެހިންނަށް އެނގުނީ 1 ފެބްރުއަރީގައި އިދިކޮޅު ފަރާތްތަކުން ގެންނަން އުޅުނު ބަޢާވާތް ނާކާމިޔާބުވުމުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ތ.ވޭމަންޑޫގައި ޕީޕީއެމްއިން މިރޭ ބޭއްވި ޖަލްސާގައި ވަހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ވެރިކަމަކީ އިސްލާމީ ދަޢުލަތުގެ މުހިއްމު ޒިންމާއެއްކަމަށެވެ. 2013 ވަނަ އަހަރު ރައްޔިތުން މަތިކުރީ ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ވެރިކަން ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން އިސްލާމީ ދަޢުލަތެއްގެ ވެރިކަން ކޮށްދިނުމަށްކަމަށެވެ. ސިޔާސީ ގޮތުންނާއި ފިކުރީ ގޮތުން އަދި އިސްތިއުމާރީ ބާރުތަކުގެ އަޅުވެތިކަމަށް ރާއްޖެ ގެންދިޔުމަށް މަސައްކަތްކުރި ވަގުތުގައިވެސް ރައީސް ޔާމީން ރާއްޖެ މިނިވަން ކޮށްދެއްވާ ޤައުމުގައި ހުރި މުހިއްމު މައްސަލަތައް ހަލުކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަދު ރާއްޖެއިން ފެނިގެން މިދަނީ ހަމަހަމަ، އިންސާފުވެރި ވެރިކަމެއް ކުރައްވަމުން ގެންދަވާތަން ކަމަށާއި މި ޤައުމުގައި ދެން ހިނގާނީ ރައީސް ޔާމިންގެ ފިކުރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަން ފެށިގެންދިޔައީ ޕޯޗްގީޒުންގެ އަޅުވެތިކަމުން ޤައުމު ސަލާމަތް ކުރުމަށް ކުރި މަސައްކަތްފަދަ މަސައްކަތަކުން ކަމަށެވެ. އަދި ޤައުމާ ވަޠަނިއްޔަތު ވިއްކައިގެން ވެރިކަން ނުކުރެވޭނެކަން މާޒީން ފެނިފައިވާކަމަށާއި އެކަން އަންނަ އިންތިޚާބުގައިވެސް ދައްކާނެކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުންވަނީ ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެއްވާ ތައްރަޤީ ފާހަގަ ކުރައްވާ އޭގެ ތަފުސީލް ދެއްވާފައެވެ. އިދިކޮޅު ފަރާތްތަކުން ރިޔާސީ ކެންޑިޑޭޓެއް މިހާތަނަށް ދެއްކިފައިނުވާތީ އެކަމަށްވެސް ޖަލްސާގައި ވާހަކަދެއްކި ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.