ޚަބަރު

ސިފައިންގެ އާއިލީ ހަވީރުގެ ހަރަކާތްތައް މިއަދާއި މާދަމާ


ގިނަ ހަރަކާތްތަކާއެކު ސިފައިންގެ އާއިލީ ހަވީރުގެ ހަރަކާތްތައް މިއަދު ފަށައިފިއެވެ. ރަސްފަންނުގައި ކުރިއަށްދާ މިހަރަކާތަކީ ސިފައިންގެ 126ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދާހަރަކާތެކެވެ.

ސިފައިންގެ އަހަރީ އާއިލީ ހަވީރަކީ ކޮންމެ އަހަރަކުވެސް އެމުއައްސަސާގެ އަހަރީދުވަހާ ގުޅުވައިގެން އެކި ސަރަޙައްދުތަކުގައި ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއަހަރުގެ އާއިލީ ހަވީރު ރަސްމީކޮށް ފައްޓަވާދެއްވީ ޗީފް އޮފް ޑިފެންސް ފޯސްގެ އަނބިކަނބަލުންނެވެ.

އާއިލީ ހަވީރުގެ މަޤްސަދަކީ މަޖާ މާހައުލެއްގައި އާއިލާތަކަށް، ޚާއްޞަކޮށް ކުޑަކުދިންނަށް އެކި ކުޅިވަރު ކުޅެ، ގޭމްތަކުގައި ބައިވެރިވެ، ހިތްހަމަޖައްސާލަން ފުރުޞަތު ހޯދާދިނުންކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިހަރަކާތުގެ މިއަހަރުގެ ޝިޢާރަކީ "ޕްރޮފެޝަން"ނެވެ. މިގޮތުން އާއިލީ ހަވީރުގެ ތެރެއިން ކުޑަކުދިން ބޮޑުވެގެން ވަޒީފާ ނުވަތަ ކެރިއަރގެ ގޮތުގައި ޚިޔާރުކުރެވޭނެ އެކިއެކި ދާއިރާތައް ރަމްޒުކޮށްދޭ ސްޓޯލްތައް ހަދާފައިވެއެވެ.

"އެމްއެންޑީއެފްގެ އޮފިސަރުންނަކީ އާންމުކޮށް ވަރަށް ބިޒީކޮށް އެޅޭ ބަޔެއް. އެހެންވެ ކޮންމެ އަހަރަކުވެސް އަހަރީ ދުވަހާ ގުޅުވައިގެން އާއިލީ ހަވީރު ބާއްވަނީ އެމްއެންޑީއެފް އާއިލާތަކަށް އެއްތަކަނުން އެއްވެ މަޖާ މާހައުލެއްގައި ކުޑަކުދިންނަށް ކުޅެލުމަށް ފުރުޞަތު ދިނުމަށް. އެކަމަކު މިހަރަކާތުގައި އާއްމުންނަށްވެސް ބައިވެރިވެވޭނެ" ކެޓްޕަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

މިތަނުގައި ކުޑަކުދިން ގަޔާވާފަ އެކިއެކި ކުޅިވަރުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔައިރު، ރާއްޖޭގެ ސަޤާފަތާއި ގުޅުންހުރި ފުލޯކް ކެރެކްޓަރތައްވެސް ފެނިގެންދިޔައެވެ. އެމްއެންޑީއެފްގެ ގިނަ އާއިލާތަކުން ބައިވެރިވިއިރު ގިނަ އަަދަދެއްގެ އާއްމުންނާއި ކުޑަކުދިން ބައިވެރިވިއެވެ.

ހަވީރު ހަތަރަކުން ހަޔަކަށް ރަސްފަނުގައި ކުރިޔަށް ގެންދިޔަ މިހަރަކާތް މާދަމާވެސް އޮންނާނެކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.