ޚަބަރު

ޓީޓީއެމް ފެއަރ މިއަދު ފަށާނެ


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑު ޝޯ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއަރ މިއަދު ފަށާނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށްވެސް ބޮޑު ކުރިއެރުންތަކެއް ގެނުވާނެ ފެއަރއެކެވެ.

ޓްރެވެލް ޓްރޭޑް މޯލްޑިވްސް ނުވަތަ ޓީޓީއެމް ފެއަރއަކީ ރާއްޖޭގެ ޕީއާރު އަދި މާކެޓިންގް ކުންފުނި މޯލްޑިވްސް ގެޓްއަވޭސްއިން އިންތިޒާމުކޮށްގެން ބާއްވަމުންއަންނަ ފެއަރއެކެވެ. މިއަހަރުގެ ޓީޓީއެމް ފެއަރގައި 4 އިވެންޓެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ގެޓަވޭސްއިން މައުލޫމާތުދެއެވެ.

އެއީ ހޮޓެލިއަރ ސަމިޓަކާއި، ވިޔަފާރި ބައްދަލުވުންތަކަކާއި، ސަޕްލަޔަރ އެކްސްޕޯއެއްގެ އިތުރުން ގާލާ ނައިޓްއެކެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ގެޓަވޭސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ފުރާތު މުޙައްމަދު ވިދާޅުވީ ޓީޓީއެމް ފެއަރ ފެށުމުގެ ގޮތުން ބާއްވާ ހޮޓެލިއަރ ސަމިޓަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެސް މިހާރު ނިމިފައިވާކަމަށެވެ.

ހޮޓެލިއަރ ސަމިޓްގައި ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 100 އަށްވުރެ ގިނަ ރިސޯޓްތަކާއި ހޮޓެލްތަކުގެ ޖެނެރަލް މެނޭޖަރުން ބައިވެރިވާނެކަމަށާއި، މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާނެގޮތްތަކާއި ބެހޭގޮތުން ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ އިންޑަސްޓްރީ ބޭފުޅުން މަޝްވަރާކުރާނެކަމަށް ފުރާތު ވިދާޅުވިއެވެ. މި އެކްސްޕޯ އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު ބަނޑޮސް މޯލްޑިވްސްގައެވެ.

ސަޕްލަޔަރ އެސްޕޯއަށްފަހު ދެން އޮންނާނީ ވިޔަފާރި ބައްދަލުވުންތަކެވެ. މި ބައްދަލުވުންތައް ކުރިއަށްދާނީ ދަރުބާރުގޭގައެވެ. މި ވިޔަފާރި ބައްދަލުވުންތަކުގައި ފާއިތުވި އަހަރު 3،000 ބައްދަލުވުންތައް ކާމިޔާބުކަމާއިއެކުވަނީ ބާއްވާފައެވެ. މިއަހަރުގެ ތެރޭގައި 4،000 ނުވަތަ 5،000 ބައްދަލުވުން ކުރިއަށްގެންދެވޭނެކަމަށް މޯލްޑިވްސް ގެޓަވޭސްއިން އަންދާޒާކުރެއެވެ.

މި ބައްދަލުވުންތަކުގައި 220 ޓްރެވެލް އެންޑް ޓުއަރ އޮޕަރޭޓަރުން ބައިވެރިވާނެއެވެ. އަދި މި ބައްދަލުވުންތަކަކީ ރާއްޖޭގެ އިޤްތިޞާދަށް 1 ބިލިއަނަށްވުރެ ގިނަ އިންވެސްޓްމަންޓްތައް ގެނުވާނެ ބައްދަލުވުންތަކެއްކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ.

ޓީޓީއެމް ފެއަރއަށް މިއަހަރު މުލިން އަލަށް ސަޕްލަޔާސް އެކްސްޕޯގެ ނަމުގައި އިވެންޓެއްވަނީ އިތުރުކޮށްފައެވެ. ފުރާތު މުޙައްމަދު ވިދާޅުވީ، މި އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުންނަށް ރާއްޖޭގެ ރިސޯޓްތަކުގެ ގޮތްނިންމާ ފެންވަރުގެ 5 ބޭފުޅުންނާއި ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. މީގެތެރޭގައި މިހާރު ހުޅުވިފައިހުރި އަދި ހުޅުވުމަށް ތައްޔާރުވަމުންއަންނަ ރިސޯޓްތައްވެސް ހިމެނެއެވެ. ސަޕްލަޔާސް އެކްސްޕޯގައި ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ 23 އެގްޒިބިޓަރުން ބައިވެރިވާއިރު މިއީ ރިސޯޓްތަކަށްށާއި އަދި ސަޕްލަޔަރުންނަށްވެސް ލިބިގެންދާ ރަނުގެ ފުރުސަތެއްގެ ގޮތުގައި ފުރާތު ފާހަގަކުރެއްވިއެވެ.

މިއީ ޓީޓީއެމް ފެއަރ ބާއްވާ 2 ވަނަ އަހަރެވެ. މިއަހަރުގެ ފެއަރ މިމަހުގެ 30 އިން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ޓީޓީއެމްގެ ގާލާނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަދާރަން ސެލެކް ހުދުރަންފުށީގައެވެ.